މި އަހަރުގެ ރަމަޟާން މަހު ސަރުކާރުން ރާއްޖޭގެ ކޮންމެ ގެއަކަށް ހަނޑޫ އަދި ފުށް ކިލޯއެއް ދިނުމަށް ނިންމަވައިފިއެވެ.
ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހު ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާ އަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ސަރުކާރުން ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ.
ހަދިޔާ ކުރައްވާނީ، 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”އޭގެ އިތުރު ކަންތައްތައް ވެސް ވާނެ. އަދި މި އަންނަ އަހަރު އެއަށް ވުރެ އިތުރު ވެސް ކުރާނަން،“ ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އަސާސީ ކާބޯތަކެތި ހޯދުމަށް އެއް ގައުމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ކާޑުގެ ބާވަތްތައް ގެނައުމަށް ތުރުކީއާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށް ރައީސް މުޢިއްޒު މިއަދު ވަނީ ހާމަކުރައްވައިފައެވެ.
މީގެއިތުރުން ރާއްޖެއަށް ވަކި ގައުމަކުން ބޭސް ގެނައުން ނިމުމަކަށް ގެނެސް، ޔޫރަޕާއި އެމެރިކާ އިން ބޭސް އެތެރެ ކުރަން ފަށާނެ ކަމަށްވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީީސް މިހެން ވިދާޅުވިއިރު، މިކަންކަމުގައި ރާއްޖެއިން މިވަގުތު ބަރޯސާ ވަނީ އިންޑިއާއަށެވެ.
