ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އަންނަ މަހުގެ ފަސް ވަނަ ދުވަހުގައި ބޭއްވުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު އަސްލަމް ނިންމާފައިވާ ކަމަށެވެ.

ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރެއްގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އަށް ރައީސްގެ ރިޔާސީ ބަޔާން އިއްވަވާނެއެވެ.

ރިޔާސީ ބަޔާނުގައި، އެ އަހަރުގެ ތެރޭގައި ސަރުކާރުން ކުރާނެ ކަންކަމާ ގުޅޭ ތަފްސީލީ މަޢުލޫމާތު ރައީސް ހިއްސާ ކުރައްވާނެއެވެ.

މިދިޔަ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގައި 38 ޖަލްސާއެއް ބާއްވައިފައިވެއެވެ.

އަދި ފަސް ބިލެއްގެ މަސައްކަތް ނިންމާފައިވާ އިރު ކުރީ ސަރުކާރުން ހުށަހަޅާފައިވާ 14 ބިލެއް މި ސަރުކާރުން އަނބުރާ ވަނީ ގެންގޮސްފައެވެ.