ރާއްޖެއަށް ސިފައިން ފޮނުވައިގެން، ރާއްޖޭގެ ވެރިކަން ބަދަލު ކުރަން ބާރު އެޅި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރު ސުބްރަމާނިއަން ސުވާމީ ކުށްވެރިކޮށް އިދިކޮޅު އެމްޑީޕީން ނެރުނު ބަޔާނުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު އާއި ސަރުކާރުގެ އޮފިޝަލުންނަށް ފާޑު ކިޔައިފިއެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނީ، ސުވާމީގެ ޒިންމާދާރުކަން ކުޑަ ސްޓޭޓްމަންޓް ކުށްވެރި ކުރާ ކަމަށާއި، ރާއްޖޭގެ ނަން ބޭނުންކޮށްގެން ސިޔާސީ މަންފާ ހޯދުން ހުއްޓައިލަން ޖެހޭ ކަމަށެވެ. އަދި ރާއްޖެއާ ގުޅުވައި އެފަދަ ވާހަކަ ދެއްކުމުން ދުރުވުމަށް ވެސް އޭނާއަށް ގޮވައިލިއެވެ.
ޒަމާނުއްސުރެ ރާއްޖެ އާއި އިންޑިއާއާ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބިނާވެފައި ވަނީ އިޙްތިރާމާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމުގެ މައްޗަށް ކަމަށާއި، އެ ބާވަތުގެ ވާހަކަތަކަށް އިތުރަށް ވިސްނަން ޖެހޭ ކަމަށް ޤަބޫލު ނުކުރާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
ރައީސް މުޢިއްޒު އާއި އެމަނިކުފާނުގެ ސަރުކާރުގެ އޮފިޝަލުން ދާދި ފަހުން ދެއްކެވި ވާހަކަފުޅާއި ގުޅިގެން އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވެ، މައްސަލަ އިތުރަށް ގޯސް ކުރަން ސުވާމީ ފަދަ މީހުންނަށް ފުރުޞަތު ލިބިގެންދިޔަ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.
We condemn the very irresponsible statement by former Member of Parliament of India Subramanian Swamy.https://t.co/jcKVRdWyFp
— MDP Secretariat (@MDPSecretariat) January 15, 2024
އިންޑިއާގައި ވެރިކަން ކުރާ ޕާޓީ، ބީޖޭޕީއަށް ނިސްބަތްވާ ސުބްރަމާނިއަން ސުވާމީ އަކީ މީގެ ކުރިން ވެސް ރާއްޖެ ހިފަން ގޮވައިލި މީހެކެވެ. އޭނާ ފުރަތަމަ އެކަމަށް ގޮވައިލީ ރައީީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ.
ސުވާމީ އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި މިކަމަށް ގޮވައިލީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލަން ސަރުކާރުން މަސައްކަތް ކުރަމުންދާތީއެވެ. އިންޑިއާގެ 88 ސިފައިން ރާއްޖޭގައި ތިބިކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
އެގޮތުން މި އަހަރުގެ މާޗު މަހުގެ 15ގެ ކުރިން ސިފައިން ފޮނުވައިލަން ރައީީސް ވަނީ އެދިވަޑައިގެންފައެވެ.
އެކަމަށް އިޝާރަތްކޮށް، ސުވާމީ ބުނީ ރައީސް ޑރ.މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އިންޑިއާގެ ބޮޑުވަޒީރަށް މި އަހަރުގެ މާޗު 15 ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް މުހުލަތެއް ދީފައިވާ ކަމަށެވެ.
އަދި މި މުއްދަތު ތެރޭގައި އިންޑިއާ ސިފައިން ނުފައިބައިފިނަމަ، އެކަމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމުގެ އިންޒާރުވެސް ދީފައިވާ ކަމަށް އޭނާ ބުންޏެވެ.
