ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 10 ޕަސަންޓް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން އެނގިއްޖެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަ ކޮށްފައިވާ ތަފާސް ހިސާބުން ދައްކާ ގޮތުން، މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 76،979 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި އަދަދަށް ވުރެ 10.7 އިންސައްތަ އިތުރު އަދަދެއްކަން ފާހަގަކޮށްލެވެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 69،535 ފަތުރުވެރިން އައެވެ.

ރާއްޖެއަށް އަހަރުގެ މިހައިތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. އެ ޤައުމުން 10،203 ފަތުރުވެރިން ޒިޔާރަތްކުރިއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިޓަލީން 9،019 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

އިންޑިއާއިން 6،269 ފަތުރުވެރިން އައިސްފައިވާއިރު، އިނގިރޭސިވިލާތުން 6،072 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ޖަރުމަނުން 4،737 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އަދި ޗައިނާއިން 4،288 ފަތުރުވެރިން އައިސްފައިވެއެވެ.

އިތުރު އަދަދުތައް:

އެމެރިކާއިން 2،884 ފަތުރުވެރިން.

ފްރާންސުން 2،368 ފަތުރުވެރިން.

ކަޒަކިސްތާނުން 1،921 ފަތުރުވެރިން.

ރޯމޭނިއާއިން 1،573 ފަތުރުވެރިން.

ނިމިގެންދިޔަ 2023 ވަނަ އަހަރާ އަޅާކިޔާއިރު، ރާއްޖެ އަށް އައި ފަތުރުވެރިންގެ އަދަދު 10 އިންސައްތަ އިތުރުވެގެންދިޔައިރު، އަވަށްޓެރި އިންޑިއާގެ މީޑިއާތަކުން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރަން ގޮވައިލަމުންނެވެ.