މި އަހަރުގެ މާޗު މަހުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ދީފައިވާ މުއްދަތުގައި ޝަކުވާ ހުށަނާޅައިފިނަމަ، ބޭނުންވާ ދާއިރާއަށް ވޯޓް ނުލެވިދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިމަހުގެ 10 ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލިސް އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށްފައެވެ.

މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވާން ބާކީ އޮތީ 6 ދުވަސްކަމަށެވެ.

އެހެންކަމުން މައުލޫމާތު ރަނގަޅުތޯ ބެލުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން، ވޯޓުލާ މީހުންގެ ނަމާއި އެޑްރެސް، އައިޑީ ކާޑު ނަންބަރު އަދި ހާާއްސަކޮށް ވޯޓުލާ ދާއިރާ އޮތީ ރަނގަޅަށްތޯ ބެލުމަށް ހަބީބް އިލްތިމާސްކުރެއްވިއެވެ.

ހަބީބު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ވޯޓާސް ލިސްޓުގައި މައުލޫމާތު ހިމަނާފައިވާނީ ކޮންމެ މީހެއްގެވެސް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބަލައިގެން ކަމަށެވެ.

އަދި ގޭގެ ރަޖިސްޓްރީއަށް ކޮމިޝަނުން ނުބަލާނެ ކަމަށާއި އެހެންކަމުން އެ މައުލޫމާތު ދިމާވޭތޯ ބެލުމަށް ހަބީބް އިލްތިމާސްކުރެއްވިއެވެ.

ހަބީބް ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތުގައި ވޯޓާސް ލިސްޓުގައި ހިމެނޭ މަޢުލޫމާތު ޗެކު ނުކުރެވިއްޖެނަމަ، އެމީހަކު ބޭނުންވާ ދާއިރާއަށް ވޯޓު ނުލެވިދާނެކަމަށެވެ.

ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ މައުލޫމާތު 1414 އަށް ގުޅައިގެން ނުވަތަ VR (space) NID ޖެހުމަށްފަހު 1414 އަށް އެސްއެމްއެސް ކޮށްލުމުން ވެސް ބަލައިލެވޭނެއެވެ.