ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު އަސްލަމް ސްރީލަންކާގެ އެކްޓިން ފޮރިން މިނިސްޓަރު ތަރަކާ ބަލަސޫރިޔާއާ ބައްދަލުކުރައްވައިފިއެވެ.

އަސްލަމް ސްރީލަންކާގެ އެކްޓިންގ ފޮރިން މިނިސްޓަރއާއި ބައްދަލު ކުރެއްވީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ދެއްވި ދަޢުވަތަށް މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.

މި ދަތުރުގައި އަސްލަމް އިއްޔެވަނީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދޭނާއާ ވެސް ބައްދަލު ކުރައްވާފައެވެ.

ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ގޭގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމްވަނީ ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ދެއްވި ދަޢުވަތަށް ޝުކުރު އަދާކުރައްވައި، ޒަމާއްސުރެ ސްރީލަންކާއާ ރާއްޖެއާ ދެމެދު އޮންނަ ގާތްގުޅުން ފާހަގަކުރެއްވިއެވެ.