ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވާ ދުވަސް، އަންނަ މަހުގެ ފަސްވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނޫން ކަމަށް އެމަނިކުފާނު މިއަދު ކަނޑައަޅުއްވައިފިއެވެ.
އެ ދުވަހު، ދައުރު ފަށާއިރު ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރައީސް ރިޔާސީ ބަޔާން އިއްވަވާނެއެވެ.
ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.
ކުރިން އޮންނަ ގޮތުން ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ.
އެކަމަކު، ރައީސް އޮފީހުން މިއަދު ބުނީ، ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނޫން ކަމަށް ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ.
