ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒާވްކުރަން ބޭނުންވާ ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ އިންތިޚާބު އޮބްޒާވް ކުރުމަށްޓަކައި އީސީ އިން މިހާރު 10 ޤައުމެއްގެ 20 މީހަކަށް ދަޢުވަތު ދީފައިވާ ކަމަށެވެ.
އަދި ފަސް ޖަމިއްޔާއަކުން 10 މީހަކަށް ފުރުޞަތު ދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ޙަބީބު ވިދާޅުވިއެވެ.
އިންތިޚާބުގެ މޮނިޓަރަކަށް ވުމަށް އެދި ފޯމު ހުށަހެޅޭނީ އުމުރުން 18 އަހަރު ވެފައިވާ މީހުންނަށެވެ.
މޮނިޓަރުންނާއި އޮބްޒާވަރުންނަށް ވުމަށް ފޯމު ހުށަހަޅާ އެއްވެސް މީހަކު އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭންގައި ބައިވެރިވެ، ކެމްޕޭން ކޮށްދީގެން ނުވާނެ ކަމަށް އީސީ އިން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހުއެވެ.
