Advertisement
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދެއް ނުވޭ، ވަނީ އިތުރު
19 ޖެނުއަރީ 2024
މި އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފަައިވާ ކަމަށާއި، ހަތަރު ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އަވަށްޓެރި އިންޑިއާ އިން ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވެދިޔަ ދެ އަހަރާއި އަޅާކިޔާއިރު، މި އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ.

އެގޮތުން 2022ވަނަ އަހަރާއި، 2023 ވަނަ އަހަރަށް ބަލާއިރު، މި އަހަރުގެ މިހައިތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ %9.5 އިތުރު ވެފައެވެ. މި އަހަރުގެ މިހައިތަނަށް ރާއްޖެއަށް އައިސްފައި ވަނީ 101،626 ފަތުރުވެރިންނެވެ.

އެންމެ ގިނައީ ރަޝިޔާ ފަތުރުވެރިންނެވެ. އެ ޤައުމުން ރާއްޖެއަށް 12،373 ފަތުރުވެރިން އައިސްފައިވެއެވެ.

ދެވަނައިގައި އޮތް އިޓަލީން 11،404 ފަތުރުވެރިން އައިސްފައިވާއިރު، ތިން ވަނައިގައި އޮތް އިނގެރޭސިވިލާތުން ރާއްޖެއަށް 8،261 ފަތުރުވެރިން އައިސްފައިވެއެވެ.

ލިސްޓުގެ ހަތަރުވަނައިގައި އޮތް އިންޑިއާއިން ރާއްޖެއަށް 8،110 ފަތުުރުވެރިން އައިސްފައި ވެއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، އިންޑިއާގެ މީސްމީޑިއާ އެކްޓިވިސްޓުންގެ ތެރެއިން ބައެއް ފަރާތްތަކުން އަންނަނީ އެ ޤައުމުގެ މީހުން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކޮށް، އެ އިންޑިއާގެ ބައެއްގެ ގޮތުގައި ހިމެނޭ ލަކްޝަދީބުގެ ރަށްތަކަށް ދަތުރު ކުރުމަށް ގޮވައިލަމުންނެވެ.

މި ބޮއިކޮޓް ކެމްޕެއިން ފެށުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ލަކްޝަދީބަށް ވަޑައިގެން، އެތަނުގެ ފޮޓޯ އާއި ވީޑިއޯތަކެއް މީސްމީޑިއާގައި ޕޯސްޓު ކުރެއްވުމުން، ރާއްޖޭގެ ފަތުރުވެރިކަމަށް ދެން ވާނީ ކިހިނެއްތޯ ސުވާލު އުފައްދައި، މޯދީ އެ ދެއްވީ ރާއްޖެއަށް ވަރުގަދަ މެސެޖެއް ކަމަށް އިންޑިއާގެ ސިޔާސީ ބައެއް ފަރާތްތަކުން ސިފަ ކުރުމުން، މީސްމީޑިއާގައި އުފެދުނު ކޯޅުމެއްގެ ތެރެއިންނެވެ. ކޮވިޑަށް ފަހުގައި އިންޑިއާ ވެފައި އޮތީ، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަށެވެ.