ފާއިތުވި 2023 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 89.5 މިލިއަން ރުފިޔާ ލިބުނު ކަމަށް ދައުލަތުގެ ޓެކްސް އިދާރާ (މީރާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފާއިތުވި އަހަރުގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި އެންމެ ގިނަ އަދަދަކަށް ނިމުނު އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ފައިސާ ދައްކާފައިވަނީ އެ އަހަރުގެ އޭޕްރީލް މަހުގައެވެ.
އެގޮތުން އެ މަމުގައި 22.3 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި މީރާއަށް ލިބުނެވެ.
ނިމުނު އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު އޭގެ ކުރީ އަހަރަށްވުރެ ދަށްވީ ނަމަވެސް އަހަރުގެ ޑިސެންބަރު މަހުގައި މުދަލު ޒަކާތުގެ ގޮތުގައި ދެއްކި ފައިސާގެ އަދަދު 2022 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު ދެގުނައަށް އިތުރުވެފައިވެއެވެ.
އެގޮތުން ފާއިތުވި ޑިސެންބަރުގައި 11 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ދައްކާފައިވެއެވެ.
އޭގެ ކުރީ އަހަރުގެ ޑިސެންބަރުގައި މުދަލު ޒަކާތުގެ ގޮތުގައި ދައްކާފައިވަނީ 5.7 މިލިއަން ރުފިޔާއެވެ.
