ބަލި މީހުން އެއްތަނުން އަނެއް ތަނަށް އުފުލުން، ނުވަތަ މެޑިކަލް އިވެކުއޭޝަން އޮޕަރޭޝަނުގެ އެސްއޯޕީގައި ރައީސުލްޖުމްހޫރިއްޔާއަށް އެންގުމާއި، އެމަނިކުފާނުގެ ހުއްދަ ހޯދުން ނޯންނަ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވީ ގއ.ވިލިނގިލިން އުމުރުން 13 އަހަރުގެ ކުއްޖަކު ފަރުވާއަށް މާލެ ގެނައުން ލަސްވީ، އިންޑިއާ އިން ހަދިޔާ ކުރި ޑޯނިއާ މަތިންދާ ބޯޓު ބޭނުން ނުކުރުމުން ކަމަށް ބުނެ، ވެބްސައިޓަކުން ޚަބަރު ފަތުރާފައިވަނިކޮށެވެ.

އިދިކޮޅު ބައެއް ފަރާތްތަކުން ގެންދަނީ މިކަން ހިނގީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިހުމާލުން ކަމަށް ބުނަމުންނެވެ.

މިނިސްޓަރު ޣައްސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެޑިކަލް އިވެކުއޭޝަން އޮޕަރޭޝަން ކުރިއަށް ގެންދަނީ ކަމާ ގުޅޭ އިދާރާތަކުން ކޯޑިނޭޓް ކުރެވިގެން ކަމަށެވެ. އެކަން އަބަދުވެސް ހިނގަނީ އެގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”2021 ވަނަ އަހަރުން ފެށިގެން، ސްޓެޓްސްއަށް ބަލާއިރު، މެޑިކަލް އިވެކުއޭޝަންގެ 93 އިންސައްތަ ކޮށްފައިވަނީ މޯލްޑިވިއަން މެދުވެރިކޮށް.“ ޣައްސާން ވިދާޅުވިއެވެ.

އައިޖީއެމްއެޗްއިން މިއަދު ބުނި ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު ވިލިނގިލިން މާލެ ގެނައި ކުއްޖާ ނިޔާވެފައިވަނީ މިއަދުގެ 11:10ގައެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް އެ ހޮސްޕިޓަލުން ނުދެއެވެ.

މީގެ ކުރިން އެ ކުއްޖާއަށް ދޭންޖެހޭ ފަރުވާ ނުލިބި ލަސްވެގެން ކަމަށް ބުނެ އެ ރަށުގެ ބައެއް މީހުން ހޮސްޕިޓަލު ކައިރިއަށް އެއްވެ އަޑު އުފުލައިފައިވެއެވެ.