ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދު ސޮއިކުރެއްވި އެއްބަސްވުންތަކަށް ޢަމަލީ ސިފަ ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދެވީ، ވައިސް މިނިސްޓަރ އޮފް ދި އިންޓަރނޭޝަނަލް ޑިޕާޓްމަންޓް އޮފް ދަ ޗައިނީސް ކޮމިއުނިސްޓް ޕާޓީ، ސުން ހައިޔާން ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި، ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދިން ގޮތުގައި، މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ދާދި ފަހުން ރައީސް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެޤައުމުގެ ދެމެދު ސޮއިކުރެއްވި އެއްބަސްވުންތަކަށް ޢަމަލީ ސިފަ ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ. ރައީީސްގެ ޗައިނާ ދަތުރުފުޅުގައި، މުހިންމު އެކި ދާއިރާތަކުން 20 އެއްބަސްވުމެއްގައި ދެ ޤައުމުގެ ސަރުކާރުން ސޮއިކުރިއެވެ.
ވައިސް މިނިސްޓަރ އޮފް ދި އިންޓަރނޭޝަނަލް ޑިޕާޓްމަންޓް ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ލީޑަރޝިޕްގެ ދަށުން ޗައިނާގެ ކަމާގުޅޭ ހުރިހާ އިދާރާތަކުން ދިވެހިރާއްޖޭގެ ކަމާގުޅޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ތިބިކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެކި ދާއިރާތަކުން ރާއްޖެއަށް ތަމްރީނުގެ ފުރުޞަތުތައް ދިނުމަށާއި، ދެ ޤައުމުގެ އިސްތިރާޖީ ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަން އެކަމަނާ ފާޅުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަށް ޗައިނާއިން ފަހިކޮށްދެއްވާ ތަމްރީނުގެ ފުރުޞަތުތަކާއި ދެމުންގެންދާ އެއްބާރުލުން ޝުކުރުވެރި ކަމާއެކު ފާހަގަކުރެއްވިއެވެ.
އަދި ދެ ޤައުމުގެ ދެމެދު ސޮއިކުރެވުނު އެއްބަސްވުންތައް ތަންފީޒުކުރެއްވިގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުންވަނީ ދާދި ފަހުން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ކާމިޔާބު ކަމާއެކު ސީދާ ވައިގެ ދަތުރުތައް ފަށާފައިވާތީ އެކަމާ ގުޅޭ ގޮތުންނާއި، ރާއްޖެއާއި ޗައިނާއާ ދެމެދު ކުރާ ސީދާ ވައިގެ ދަތުރުތައް ޗައިނާގެ އިތުރު ސިޓީތަކަށް ފުޅާކުރެވިދާނެ ގޮތްތަކާގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، ޗައިނާއާއި ރާއްޖޭގެ އެއް ސިޓީ އަނެއް ސިޓީއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
