ވިލިމާލޭގެ ގެދޮރުގެ ދަތިކަން ޙައްލު ކުރުމަށް އޭޕްރީލް މަހުގައި 500 ހައުސިން ޔުނިޓު އަޅަން ފަށަނީ

ވިލިމާލޭގައި 500 ހައުސިން ޔުނިޓް ޤާއިމު ކުރުމުގެ މަސައްކަތް މި އަހަރުގެ އޭޕްރީލް މަހުގައި ފެށިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން އިޢުލާނު ކުރެއްވީ މާލެ ސިޓީގެ އައު މޭޔަރާއި ސިޓީ ކައުންސިލްގެ އައު މެންބަރުން ހުވައި ކުރުމަށް ރޭ، ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ވިލިމާލޭގައި އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ މައްސަލަ ކަމަށެވެ.
އެގޮތުން ވިލިމާލޭގައި 500 ހައުސިން ޔުނިޓް ޤާއިމު ކުރުމުގެ މަސައްކަތް މީގެ ކުރިން އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނަވައިގެން ކުރައްވަން އުޅުއްވުމުން އޭރުގެ ސަރުކާރުން ހުއްދަ ނުދިނުމުން ނުފެށި އޮތް ނަމަވެސް އެ މި ސަރުކާރުން މަސައްކަތް ފަށަން ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި މަސައްކަތް ފެށިގެންދާނީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. މަޝްރޫޢު މި ދައުރުގައި ނިންމައިލެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

 

”ވިލިމާލޭގައި އެންމެ ބޮޑު މައްސަލައަކީވެސް ހައުސިން އަށްވާތީ، ވިލިމާލޭގައި 500 ހައުސިން ޔުނިޓް ޤާއިމުކުރުމުގެ މަސައްކަތްވެސް، ހުއްދަ ނުދިނުމުން ނުފެށި އޮވެފައި، މިހާރު އެވަނީ ފެށޭގޮތަށް ހަމަޖެހިފައި. ”ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވަނީ މާލޭގެ ރައްޔިތުންނަށް ކޮށްދެއްވަން ޖެހިވަޑައިގަންނަވާ މުހިންމު ކަންކަން ކުރުމުގައި މިސަރުކާރުން މަސައްކަތް ކުރައްވާނީ މާލޭ ކައުންސިލާއި ގުޅިގެންކަން ފާހަގަ ކުރައްވައިފައެވެ.

އަދި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގެންފިނަމަ، އެކަންކަން ބާރަށް ކުރިއަށް ގެންދެވޭނެކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.