ވެރިރަށް މާލޭގައި އިންޖީނުލީ އުޅަނދު ދުއްވޭނެ އަދަދު، ހަ މަސް ދުވަހުގެ ތެރޭގައި ކަނޑައަޅުއްވާނެ ކަމަށް މާލެ ސިޓީގެ އައު މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ މިކަން ހާމަ ކުރައްވައިފައި ވަނީ މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޢާޒިމް ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓްރީއާ ގުޅިގެން މާލޭގައި ވެހިކަލް ދުއްވޭނެ އަދަދު ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ. އެ އަދަދަކީ ކަނޑައަޅަންޖެހޭ އަދަދެއް ކަމަށާއި ކުރިއަށްއޮތް ހަ މަސްދުވަހުގެ ތެރޭގައި އެކަން ކުރާނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ޢާޒިމް ވިދާޅުވީ އެކަމުގައި ޓްރާންސްޕޯޓު މިނިސްޓްރީން ސިޓީ ކައުންސިލާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައިވާ ކަމަށެވެ.

މީގެއިތުރުން މާލޭގެ ޕާކިން މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަމުން އާޒިމް ވިދާޅުވީ ހަައުސިން މިނިސްޓްރީއާ ގުޅިގެން ޕާކިންގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށާއި މާލޭގެ ޕާކިން މައްސަލައަކީ އަވަސް އަދި ދާއިމީ ޙައްލެއް ލިބެންޖެހޭ ކަމެއް ކަމަށްވެސް ޢާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާނަމަ މަސައްކަތުގެ ޝެޑިއުލެއް ހިއްސާކުރުމަށް ދަންނަވާނެ ކަމަށެވެ.

އަދި އެ މަސައްކަތްތައް އަވަސް ކުރަން މިނިސްޓްރީއާ މަޝްވަރާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ަަ