ޔޫރަޕަށް ދަތުރުކުރާ ދިވެހީންނަށް ލުއި ދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރައްވައިފައި ވަނީ، ފަރަންސޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީން-ފްރާންސުއާ ޕެކްޓެޓް، ޚާރިޖީ ވަޒީރު މޫސާ ޒަމީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރު ވަނީ ސަފީރު ޕެކްޓެޓަށް މަރުޙަބާ ވިދާޅުވެފައެވެ.
އަދި ރާއްޖެއާއި ފަރަންސޭސިވިލާތާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.
މިނިސްޓްރާއި ޒަމީރާއި ސަފީރު ޕެކްޓެޓް ވަނީ އިޤްތިޞާދީ ތަރައްޤީއާއި، މޫސުމަށް އަންނަ ބަދަލުތަކާއި އެޑަޕްޓޭޝަންއާއި، ސަލާމަތީ ދާއިރާއިން އެއްބާރުލުން ދިނުމާއި، މީހުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ދިވެހިންނަށް ޔޫރަޕަށް ދަތުރުކުރުމަށް ލުއިދިނުމާއި، ރާއްޖޭގެ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކުޑަކުރުމާ ބެހޭގޮތުން ވެސް ޚިޔާލު ބަދަލުކުރައްވާފައެވެ.
