ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގެ ތެރެއިން ދެކުނު ކަނޑުގެ ޞަރަޙައްދުން ބޮޑުބައެއް ގެއްލޭ ގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާފައިވާ ނިންމުން އިސްތިއުނާފުކުރުމުގެ މަސައްކަތުގައި ކުރީގެ ބަންޑާރަނައިބު ޑރ މުޙައްމަދު މުނައްވަރުގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ބަންޑާރަ ނައިބު އެޓާނީ ޖެނެރަލް އަޙުމަދު އުޝާމު ނިންމަވައިފިއެވެ.
ބަންޑާރަނައިބުގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގެއްލިފައިވާ ކަނޑުގެ ސަރަޙައްދުން ހޯދުމަށް ކުރެވެން ހުރި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން ކަނޑުތަކާ ބެހޭ ޤާނޫނީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ ޑރ. މުނައްވަރުގެ ލަފާފުޅާއެކު އެމަސައްކަތް ކުރުމަށް މިހާރު ފަށާފައިވާ ކަމަށެވެ.
ޑރ.މުނައްވަރަކީ ދިވެހިރާއްޖޭގައި ޤާނޫނީ ރޮނގުން ފާހަގަކޮށްލެވޭ ބޭފުޅެއްގެ އިތުރުން، ބައިނަލްއަޤްވާމީ ގާނޫނުތަކާއި ކަނޑުތަކާބެހޭ ޤާނޫނުގެ ދާއިރާއިން ޑޮކްޓަރޭޓް ޑިގްރީ ޙާޞިލްކުރައްވައިފައިވާ ބޭފުޅެކެވެ.
