ދިވެހިރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ކުރެވެން އޮތް ހުރިހައި މަސައްކަތެއް ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
”އަހާ“ ނަމުގައި ކުރިއަށްގެންދާ ވަޒީރުންގެ ޕަބްލިކް ފޯރަމްގައި އާއްމު ރައްޔިތަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ކުރަން ރާވާފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ
މި ބޮޑު މައްސަލަ ޙައްލު ކުރުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެ، އެކަމަށް ވިޔަފާރިވެރިންގެ އެއްބާރުލުން ބޭނުންވާނެކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
އަދި މިކަމުގައި ދިވެހީންގެ ބައިވެރިވުން އޮތްކަން ފާހަގަކުރައްވައި، ޤަވާއިދާއި ޚިލާފަށް ވިޔަފާރިތައް ހިންގަނީ ދިވެހިންނާ ގުޅިގެންކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސަޢީދު ވިދާޅުވީ ބިދޭސީން ކުރާ ވިޔަފާރިތައް ބަލައި، އެކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިފައިވާނެ ކަމަށެވެ.
އަދި އެ މައުލޫމާތު ފޯރުކޮށްދިނުމުން އެފަދަ ވިޔަފާރިތަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށް ސަޢީދު ވިދާޅުވިއެވެ.
