ގިނަ ކުޅިވަރުތަކެއް ކުޅެވޭ ގޮތަށް އިންޑޯ ދެ ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ސްޕޯޓްސް މިނިސްޓަރު މިކަން ހާމަ ކުރައްވައިފައި ވަނީ އާއްމުންނަށް ވަޒީރުންނާ ސުވާލުކުރުމުގެ ފުރުޞަތު ދީ ރޭ ބޭއްވި ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ރާފިއު ވިދާޅުވީ މި ދެ ކޮމްޕްލެކްސްގެ ޑިޒައިން މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މިތަނުން އެއް ކޮމްޕްލެކްސް އަޅާނީ ހުޅުމާލޭގައި ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ކުރިން މި ދެ ތަނުގެ ބިންގާ އެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

މިތަންތަން ހަދާނީ ނުކުޅެދޭ މީހުންނަށް ފަސޭހައިން އެތަންތަނަށް ވަދެ ނިކުމެ ހެދޭ ގޮތަށް ކަމަށާއި ހާއްސަކޮށް ވީލްޗެއާގައި ވަންނަން ބޭނުންވާ މީހުންނަށް ފަސޭހަވާނެ ގޮތް ބަލާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކުޅިވަރުތައް ކުޅޭ ތަންތަނުގެ ގޮތުގައި މިހާރު ހުރި ތަންތަނަށް ވީލްޗެއާގައި އުޅޭ މީހުންނަށް ވަދެވޭ ގޮތް ވާނެތޯ މީހަކު ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ އެއީ ވޭކްއަޕް ކޯލްއެއް ކަމަށެވެ.

ނަމަވެސް ވަކި ތާވަލެއް ކަނޑައަޅައިގެން އެކަން ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.