ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ އޮސްޓްރޭލިއާގެ ގަވަރނަރ ޖެނެރަލް، ޖެނެރަލް ޑޭވިޑް ޖޯން ހަރލީއަށާއި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް އެމް.ޕީ.އަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް ޑރ. މުޢިއްޒު، އޮސްޓްރޭލިއާގެ ބޮޑުވަޒީރަށާއި، ގަވަރނަރ ޖެނެރަލަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރުގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.

އެމަނިކުފާނުގެ މެސެޖުގައި، ވޭތުވެދިޔަ ފަންސާސް އަހަރު ދުވަހުގެ ތެރޭގައި އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.މި ދެ މެސެޖުވެސް އެމަނިކުފާނު ނިންމަވައިލައްވާފައިވަނީ އޮސްޓްރޭލިއާގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ލިބޭނެ ކަމަށް އުންމީދުކުރައްވާކަމުގައި ބަޔާންކުރައްވަމުންނެވެ.

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1974 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

އަދި މިއަހަރަކީ ދެ ޤައުމުގެ ގުޅުމަށް ރަންޔޫބީލް ފުރުން ފާހަގަކުރާ އަހަރެވެ.