މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީން، މަޖިލީހުގެ ކުރީގެ ގިނަ މެމްބަރުން ކާމިޔާބު ހޯއްދަވައިފިއެވެ.
އިއްޔެ ބޭއްވި ޕްރައިމަރީގައި ކުރީގެ ގިނަ މެމްބަރުންތަކަކަށް ޓިކެޓު ކަށަވަރުވެފައި ވެސް ވެއެވެ.
އޭގެ ތެރެއިން ޓިކެޓު ކަށަވަރުކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ވިލިމާލެ ދާއިރާގެ ޓިކެޓު ކަށަވަރު ކުރެއްވި ކުރީގެ މެމްބަރު މުޙައްމަދު އިސްމާއީލާއި، މާފަންނު މެދު ދާއިރާގެ ޓިކެޓު ކަށަވަރު ކުރެއްވި ކުރީގެ މެމްބަރު އަސްމާ ރަޝީދާއި، މާފަންނު ދެކުނު ދާއިރާގެ ޓިކެޓު ކަށަވަރު ކުރެއްވި ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ)އާއި، އިނގުރައިދޫ ދާއިރާގެ ޓިކެޓު ކަށަވަރު ކުރެއްވި ކުރީގެ މެމްބަރު މުޙައްމަދު ފަލާހުއާއި، މިލަންދޫ ދާއިރާގެ ޓިކެޓު ކަށަވަރު ކުރެއްވި، ކުރީގެ މެމްބަރު ހަސަން މުފީދާއި، ތިނަދޫ އުތުރު ދާއިރާގެ ޓިކެޓު ކަށަވަރު ކުރެއްވި ކުރީގެ މެންބަރު ސައުދުﷲ ހިލްމީއާއި، ދިއްގަރު ދާއިރާގެ ޓިކެޓު ކަށަވަރު ކުރެއްވި އަހްމަދު ނާޒިމާއި ފޭދޫ ދެކުނު ދާއިރާގެ ޓިކެޓު ކަށަވަރު ކުރެއްވި އިބްރާހީމް ދީދީއާއި، ދިއްދޫ ދާއިރާގެ ޓިކެޓު ހޯއްދެވި ޢަބްދުއްލަޠީފު މުޙައްމަދާއި، ފުވައްމުލަކު މެދު ދާއިރާގެ ޓިކެޓު ހޯއްދެވި ޢަލީ ފަޒާދެވެ.
ޕީއެންސީ/ޕީޕީއެމްގެ ޓިކެޓު ހޯދަން ޕްރައިމަރީގައި ވާދަ ކުރެއްވި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި، މީގެކުރިން މަކުނުދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަނާރާ ނައީމާއި ކުރީގެ މެމްބަރު މުޙައްމަދު ވަހީދު (ލޯޔަރު ވައްޑެ) ވެސް ވާދަކުރެއްވިއެވެ. ނަމަވެސް އެ މެމްބަރުންނަށް ކުރިމަތިވެވަޑައިގަތީ ނާކާމިޔާބީއެވެ.
ޕީއެންސީ/ޕީޕީއެމްގެ މަޖިލިސްޕްރައިމަރީގައި 73 ދާއިރާއަކުން 71،597 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. ދާއިރާތަކަށް 283 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.
