ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީއާއި ޑިމޮކްރެޓްސް އިން ގުޅިގެން ނިންމީ އެބޭފުޅުން ގާބިލު ނުވެގެން ނޫން ކަމަށާއި، މާ ބޮޑަށް ވެސް ގާބިލުވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު(‏‏މަވޯޓާ) ‏‏ވިދާޅުވެއްޖެއެވެ.

އޭނާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓުތަކެއްގައި ވިދާޅުވީ، ވަޒީރުންނަށް ރުހުން ނުދޭން ނިންމި ނިންމުމަކީ ޤައުމަށް ވަރަށް ނުރައްކާތެރި ނިންމުމެއް ކަމަށެވެ. މި ނިންމުމުގައި ޒާތީކަންކަން އެކުލެވުނު ކަމުގައި ވިޔަސް، އެއަށްވުރެ މާ ނުބައި ނިޔަތެއް އޮތް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އެގޮތުން އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ އިސްލާމީ ޤައުމުތަކާއި ގާާތް ގުޅުމެއް އޮންނަ ބޭފުޅަކަށްވާއިރު، ޑރ.ޝަހީމަށް ރުހުން ނުދިނީ، ރާއްޖެއަށް އިތުރު އެހީ ހޯދާފާނެތީ ކަމަށް ޝަރީފު ވިދާޅުވިއެވެ.

”(އިކޮނޮމިކް މިނިސްޓަރު)މުޙައްމަދު ސަޢީދަކީ ކަމަށް ޤާބިލުވުމުގެ އިތުރުން ޕްރޮޖެކްޓްތަކަށް ޗައިނާގެ އެހީ ހޯދުމުގަ އިސް ދައުރެއް އަދާ ކުރުމުގެ ޤާބިލުކަން ހުރި ބޭފުޅެއް ކަމަށް ބަލާފަ ރުހުން ނުދޭން ނިންމީ.“ ވެރިކަން ކުރާ ޕާޓީ، ޕީއެންސީއާއި ގުޅިވަޑައިގެންފައިވާ ޝަރީފު އިތުރަށް ވިދާޅުވިއެވެ.

ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމި ނިންމުމުގައި، އެމްޑީޕީއާއި ޑިމޮކްރެޓުން މައިގަނޑު ގޮތެއްގައި ބަލާފައި ވަނީ ރާއްޖެއަށް ބޭރުގެ އެހީ ނުލިބި، މަޝްރޫޢުތައް ވެސް ހުއްޓޭނެ ގޮތަކަށް ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިއީ ރައްޔިތުންގެ މަސްލަހަތަށްވުރެ، އަމިއްލަ މަސްލަހަތު އިސްކުރުމަށް ހިންގޭ ހަރަކާތެއް ކަމަށެވެ.