ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމުން އަޒުލު ކުރުމާ ދެކޮޅަށް ތެދުވެވަޑައިގަންނަވައި، އެކަމަށް ކުރަމުންދާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓައިލުމަށް ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ގޮވާލައްވައިފިއެވެ.
އެކްސްގައި މިއަދު އޭނާ ވިދާޅުވީ ރައްޔިތުންގެ ފުރިހަމަ ބޮޑު އަޣުލަބިއްޔަތުން، ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޤާމާ ހަވާލުވިތާ އަދި މިވީ އެންމެ ދެ މަސްދުވަސް ކަމަށާއި، އެމަނިކުފާނު ޤާނޫނު އަސާސީ އާއި ޤާނޫނާއި ޚިލާފު ނުވާހާ ހިނދަކު، އަދި ރައީސް ކަމުގެ މަޤާމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިނުވާހާ ހިނދަކު، ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނިޔަތުގައި ތިމާމެން ވެރިކަމާ ހަވާލުވެގަތުމަށްޓަކައި، އެއްވެސް ހަމައެއް ލަމައެއްނެތި އަޒުލު ކުރުމަކީ ނުވަތަ އަޒުލުކުރަން ހުށަހެޅުމަކީވެސް، ދިވެހިރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުމެއް ކަމުގައި ނޫނީ ނުވާނެ ކަމަށެވެ.
”އަމުދުން ދައުރެއް ނިމެމުންދާ މަޖިލިސްއެއްގެ ތެރެއިން މިފަދަ ޢަމަލެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫނެވެ.“
ގާސިމް ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނޯކޮންފިޑެންސް ނުވަތަ އިތުބާރު ނެތްކަމަށް ނަގަން ޖެހޭނީ އެކަށޭނެ ސަބަބުތަކެއް ހުރެގެންނެވެ.
”މަޖިލީހުގެ މެޖޯރިޓީ އޮތަތީވެ، ހަމަ ތިބެފަ ޖެއްސުމަށް ކޮށްލާ ކަމަކަށް މިފަދަ ކަންކަން ކުރުމަކީ ޤައުމުގެ ދުސްތޫރީ ހަމަތަކާއި، ޑިމޮކްރަސީގެ އުޞޫލުތަކާއިވެސް މުޅީން ޚިލާފު ޢަމަލެކެވެ.“ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.
މިފަދަ ޢަމަލުތަކުގެ ސަބަބުން ޤައުމަށް ލިބެގެންދާނީ އިތުރު ހިތާމައި ނިކަމެތިކަން ކަމަށާއި، އެހެންކަމުން ޢަޒުލު ކުރުމަށް ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓާލުމަށް އޭނާ ވަނީ ނަޞޭހަތްތެރިވެވަޑައިގެންފައެވެ.
ގާސިމް އިތުރަށް ވިދާޅުވީ މިހާތަނަށް ރައީސް މުއިއްޒު ވެރިކަން ކުރައްވަމުން އެ ގެންދަވަނީ ރައްޔިތުންނާއި ޤައުމަށްޓަކައި، ޤައުމަށް ކުރިއެރުން ހާޞިލް ކޮށް ދިނުމަށް ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ޤާނޫނީ ވެރިކަން ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފުރިހަމަ ފުރުޞަތު ދޭންޖެހޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.