ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް މިއަދު ދިން ނުރައްކާތެެރި ޙަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، މިފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން ސަލާމަތީ ބާރުތަކުން އަބަދުވެސް ފާރަވެރިވަމުން ދާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ޚަލީލު ވިދާޅުވެއްޖެއެވެ.
ޝަމީމަށް ދިން ހަމަލާއާއި ގުޅިގެން މިނިސްޓަރު ޚަލީލު ވިދާޅުވީ ޓެރަރިސްޓް އަދި އަނިޔާވެރި މިފަދަ ޢަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތަކާ އިޚްތިޔާރެއް ބޭނުންކޮށްގެން ހަލުވިކަމާއެކު މަސައްކަތްކުރަމުން ދާނެ ކަމަށެވެ.
”މިފަދަ ނުރައްކާތެރި ޖަރީމާތައް ތަކުރާރުވިޔަ ނުދިނުމަށް ސަލާމަތީ ބާރުތަކުން އަބަދުވެސް ފާރަވެރިވަމުން ދާނެ. އަދި ދައުލަތުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ޚިދުމަތްތެރީންގެ ރައްކައުތެރިކަމަށް ކުރެވެންހުރި ހުރިހާކަމެއް ކުރާނެ.“ ޚަލީލު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ގައުމުގެ އަމާންކަމާ ސަލާމަތްކަން ދެމެހެއްޓުމަށެވެ.
”ޓެރަރިސްޓް ހަރަކާތްތަކަށް އެއްވެސް ޖާގައެއް ނުދިނުމަށް.“ ޚަލީލު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ޝަމީމަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވައިފައެވެ.
އަދި ފަރުވާއަށް ފަހު އެމަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުތަކަށް ވަރަށް އަވަހަށް ނުކުމެވަޑައިގެންނެވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޝަމީމަށް ދިން ހަމަލާއާއި ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޝަމީމަށް ހަމަލާ ދީފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި މާލޭގެ މަގުމަތިން ކަމަށެވެ. އޭނާއަށް ހަމަލާ ދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު، ހަތިޔާރެއް ބޭނުންކޮށްގެން ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
ހަމަލާއަށްފަހު، އޭޑީކޭ އިން ފަރުވާ ހޯއްދަވައި، އެނބުރި ގެއަށް ވަޑައިގެން ޝަމީމް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަމަލާގެ ސަބަބުން އޭނާގެ ވައަތު އަތުގައި ރެނދުލާފައިވާ ކަމަށެވެ.
”އާއިލާއާއެކު އެނބުރި ގެއަށް. އެނބުރި މަސައްކަތަށް އަންނާނީ އިތުރަށް ވަރުގަދަކޮށް. އަދި އެނބުރި ދުވުމާއި ސައިކަލް ދުއްވުމާއި ފެތުމަށްވެސް ވަރުގަދަކޮށް އަންނާނަން“ ޝަމީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
ޝަމީމަށް ހަމަލާދިން މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ އިރު، އިދިކޮޅު ފަރާތްތަކުން އަންނަނީ މިކަން ”ސިޔާސީ“ ކުރަމުންނެވެ.
