ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގެ ތެރޭގައި ”އަސުރުމާ-3“ ދޯނި އޮއްވައި، އިންޑިއާ ސިފައިން އެ ދޯންޏަށް އެރުމުން ކަންބޮޑުވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ އެ ދޯނި ހަރާކަތްތެރިވަމުން ދިޔައީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިކަން ފިޝަރީޒް މިނިސްޓްރީގެ ވެސަލް މޮނިޓަރިން ސިސްޓަމުން ކަށަވަރުވާ ކަމަށެވެ.

”އަސަރުމާ 3 ދޯނި ހއ. ތުރާކަނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ބޭރު ގައުމެއްގެ އަސްކަރީ އުޅަނދަކުން އަސުރުމާ 3 އަށް އަރައި ފަޅުވެރިންނާ ސުވާލުކޮށްފައިވާކަމީ އަޅުގަނޑު ނުހަނު ކަންބޮޑުވާ ކަމެކެވެ.“ ޝިޔާމް ވިދާޅުވިއެވެ.

އެ ހާދިސާއާ ގުޅިގެން ދޯނީގެ ވެރިފަރާތާއި އެމްއެންޑީއެފްއާއެކު ގާތުން މަސައްކަތްކުރަމުންދާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

އެ ދޯނިން މަޢުލޫމާތު ދިން މީހަކު ބުނީ އިންޑިއާ ސިފައިން އެ ދޯންޏަށް އެރީ މެންދުރު 2:30 ހާއިރު ކަމަށާއި، ދޯނިން ފައިބާފައިވަނީ ހަވީރު 4:50 ގައި ކަމަށެވެ. އަދި ދޯނި ވަނީ އަނބުރާ މަސްވެރިކަން ފަށައިފައެވެ.

”އަސުރުމާ 3“ ދޯނިން މައުލޫމާތު ދިން ގޮތުގައި އެ ދޯންޏަށް އިންޑިއާގެ އަސްކަރީ ދެ މަނަވަރެއް ކައިރިކޮށް އޭގައި ތިބި ސިފައިން އަރާފައިވަނީ ކުޅުދުއްފުށީ ސިޓީގެ ބޭރުން މަސްވެރިކަން ކުރަމުން ދަނިކޮށެވެ.

އެ ދޯނީގައި އިންޑިއާ ސިފައިން ހަރަކާތްތެރިވެފައިވާ އިރު، އެ މީހުން ކުރަމުންދިޔަ ކަމެއް ސާފެއް ނޫން ކަމަށާއި، އެ މީހުން އަތުގައި ހަތިޔާރު ހުރި ކަމެއްވެސް އަދި އެއީ ކިތައް ސިފައިން ކަމެއްވެސް ސާފު ނޫން ކަމަށް ދޯނިން މަޢުުލޫމާތު ދިނެވެ.