ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ދެ ދައުވާއެއް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ބައްސާމްގެ މައްޗަށް އުފުލީ ޚިޔާނާތާއި މަނީލޯންޑަރިންގ ދައުވާއެވެ.

ބައްސާމްގެ މައްޗަށް ޚިޔާނާތުގެ ދައުވާ އުފުލީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ޑޮލަރުގެ ތެރެއިން 10,000 ޑޮލަރު ޖަމާކުރުމަށްޓަކައި ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި 10,004 ޑޮލަރުގެ ޓްރާންސްފާ ކުރުމަށް ލިޔެ ބޭންކަށް ލިޔުން ހުށަހަޅައި ބޭންކް ޗަރޖަސްގެ ގޮތުގައި 05 ޑޮލަރު އުނިކުރުމަށްފަހު 9,999 ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާތީއެވެ.

މީގެއިތުރުން މަނީ ލޯންޑަރިންގެ ދައުވާ އުފުލީ އެ ފައިސާގެ ތެރެއިން 1,910 ޑޮލަރު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް ބައްސާމާއި އޭނާގެ އަންހެނުންގެ ހިއްސާ އޮންނަ ކުންފުންޏެއްކަމަށްވާ ގްލޭސިއަރ އިންވެޓްމަންޓްސް ޕްރައިވެޓްގެ ކަންކަމަށް ބޭނުންކޮށްފައިވާތީއެވެ.

އަދި ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި 6-302 ފްލެޓަށް ކުލި ދެއްކުމުގެ ގޮތުން ބޭނުންކޮށްފައިވާ އެ ފައިސާ އެކި އަދަދުތަކުން އެކި މީހުންނަށް ފޮނުވައި އެފްއޭއެމްއާ ގުޅުމެއް ނެތް ކަންކަމަށް އެ ފައިސާ ޚަރަދުކޮށްފައިވާ ކަމަށެވެ.

ޚިޔާނާތުގެ ކުށް ސާބިތުވެއްޖެނަމަ އޭނާއަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އަދި ޚިޔާނާތުގެ ކުށް ސާބިތުވެއްޖެނަމަ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެފްއޭއެމްގެ ކޮރަޕްޝަން މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.