މި އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އިންތިހާބަށް ރީ-ރެޖިސްޓަރ ވުމުގެ ފުރުސަތާއެކު އިލެކްޝަންސް ކޮމިޝަން(އީސީ)އިން ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
އީސީ އިން ބުނީ، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ދިނުމުގެ ގޮތުންނާއި، ރައްޔިތުންގެ އިންތިހާބަށް އާންމުން ހޭލުންތެރިކުރުމުގެ މަގުސަދުގައި، ކުޑަކުދިންގެ ހަވީރާއެކު، ރޯޑު އިވެންޓެއް މި ހަފްތާ ބަންދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އީސީން ބުނި ގޮތުގައި، މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، މިއަދު މާލޭގެ އާޓިފިޝަލް ބީޗުގައި ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް އިވެންޓް ކުރިއަށްދާނެއެވެ.
ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ހަވީރު 6:00 އަށް ހުޅުމާލެ ފޭސް 2، ގެ (ހިޔާ ޓަވަރު 07 އާއި ހިޔާ ޓަވަރު 11 އާއި ދެމެދު އޮންނަ (ހިޔާ ޕާރކް ގްރައުންޑް ސަރަހައްދު)ގައިވެސް ހަރަކާތް ކުރިއަށް ދާނެއެވެ.
މަޖިލިސް އިންތިޚާބުގެ ރީ ރަޖިސްޓްރޭޝަނަށް ހުޅުވައިލައިފައިވާއިރު، އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމުގެ މުއްދަތު ހުޅުވާލާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށެވެ.
މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ މިދިޔަ އަހަރު ބޭއްވި އިންތިހާބުގެ ދެވަނަ ބުރުގައި ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން އެކަންޏެވެ.
