ދިވެހިރާއްޖޭގެ ޙާއްޞަ އިޤްތިސާދީ ސަރަހައްދުގައި ދިވެހި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ޤައުމީ ދިފާޢީ ބާރުން ބުނެފިއެވެ.
އެމްޑީއެފުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ދިވެހިރާއްޖޭގެ އުތުރުން ދިވެހިރާއްޖޭގެ ޙާއްޞަ އިޤްތިސާދީ ސަރަހައްދުގައި ކޯސްޓްގާޑް ޝިޕް ޝަހީދުއަލީ ދަނީ އެސަރަހައްދު ޕެޓްރޯލްކޮށް ބަލަހައްޓަމުން ކަމަށެވެ.
އެމްޑީއެފުން މިކަން ހާމަކޮށްފައި މިވަނީ ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ތިން މަސްދޯންޏަކަށް ހަތިޔާރާއެކު އަވަށްޓެރި އިންޑިއާގެ ސިފައިންގެ ބަޔަކު އެރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
އިންޑިއާގެ ސިފައިން ބުދަ ދުވަހު އެރީ އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށެވެ.
އެމީހުން ދޯނިތަކަށް އަރައިގެން އުޅެނިކޮށް ނަގާފައިވާ ވީޑިއޯ އާއި ފޮޓޯތައް ވެސް އިންޑިއާ ސިފައިން ޑިލީޓް ކުރި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރިއެވެ. ނަމަވެސް މިއަދު ވަނީ އެ މަންޒަރު ފެންނަ ވީޑިއޯތައް އާއްމުވެފައެވެ.
