ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ، ރާއްޖޭގެ ތިން މަސް ދޯންޏަކަށް އަރައި، އިންޑިއާގެ އަސްކަރިއްޔާއިން ބޯޑުކޮށް މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނުގެ ތަފްޞީލު ދިނުމަށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިފައިވާކަން ހާމަކޮށް، ޤައުމީ ދިފާއީ ބާރުން އެ ދުވަހު ހަރަކާތްތެރިވި ގޮތް މިރޭ ހާމަ ކުރައްވައިފިއެވެ.
ބުދަ ދުވަހު، އިންޑިއާގެ ދެ މަނަވަރެއްގައި އައި ކަނޑުގެ ސިފައިން ރާއްޖޭގެ އުތުރުގައި މަސްވެރިކަން ކުރަމުން ދިޔަ ތިން ދޯންޏަކަށް އެރި މައްސަލައާ ގުޅޭގޮތުން އެމްއެންޑީއެފް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހއ.ދިއްދޫގެ އިރުއުތުރުން، 72 ނޯޓިކަލް މޭލު ބޭރުން ރާއްޖެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ އަސުރުމާ 03އަށް ބޭރުގެ އަސްކަރިއްޔާގެ ބަޔަކު އަރާ ތިބިކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުމާއިއެކު ދޯނި ހުރިތަން ކަށަވަރު ކުރުމަށްފަހު، އެމްއެންޑީއެފް ނޮދަން އޭރިއާގައި އެހެން އޮޕަރޭޝަނެއްގައި އެ ވަގުތު ހަރަކާތްތެރިވަމުން ދިޔަ ކޯސްޓްގާޑް އުޅަނދު، ”ޝަހީދު ޢަލީ“ ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާގެ އަމުރުފުޅަށް ރީޓާސްކު ކޮށް، އެ ސަރަހައްދަށް ދިޔުމަށް ފުލް ސްޓީމްގައި ދަތުރު ފެށުނު ކަމަށެވެ.
ކޯސްޓްގާޑް އުޅަނދު ޝަހީދު ޢަލީ، އަސުރުމާ03 ހުރި ހިސާބަށް ގޮސް، އެ ދޯންޏާއި މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވުނު ކަމަށް ވެސް ބަޔާނުގައިވެއެވެ.
އަދި އިތުރު ދެ މަސް ދޯންޏަކަށް ވެސް އިންޑިއާގެ އަސްކަރިއްޔާއިން އަރައިގެން އުޅޭކަން ދިފާޢީ ބާރުގެ ސަމާލުކަމަށް އައި ކަމަށްވެސް ބަޔާނުގައިވެއެވެ.
އެ ދެ ދޯންޏަކީ މާހޮރާ 3 އަދި ނިރު 7 އެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި ރާއްޖޭގެ މަސް ދޯނިތަކަށް އަރާފައިވަނީ އިންޑިއާ ކޯސްޓްގާޑްޝިޕް 246 އާއި އިންޑިއާ ކޯސްޓްގާޑްޝިޕް 253އަށް ނިސްބަތްވާ ބޯޑިން ޓީމުތަކުންނެވެ.
”ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ ދިވެހި މަސްދޯނިތަކަށް ދިވެހިރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއްނެތި ބައިނަލްއަޤްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް އިންޑިއާގެ އަސްކަރިއްޔާއިން ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފުޞީލު ދެއްވުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި 01 ފެބްރުއަރީ 2024 ގައި ވާނީ ރަސްމީކޮށް ދަންނަވާފައި،“ ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ވިދާޅުވީ ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން ގެންދާނެ ކަމަށެވެ.