އިންޑިއާ ސިފައިން އަރާނީ ދިވެހި މަސް ބޯޓުތަކަށް ނޫން ކަމަށާއި، އިންޑިއާ ސިފައިން މާލެ ވެސް އަރާފާނެ ކަަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި މިގޮތަށް ވިދާޅުވިއިރު، އިންޑިއާގެ ހަތިޔާރު އެޅި ސިފައިން ދިވެހި މަސް ދޯންޏެއްގައި ހަރަކާތްތެރިވި މައްސަލަ ވަނީ ފެންމަތިވެފައެވެ.

”އެ މީހުން(އިންޑިއާ ސިފައިން) ހަމައެކަނި އަރާނީ އަޅުގަނޑުމެންގެ މަސް ބޯޓުތަކަށް އެކަންޏެއް ނޫން، މާލެއަށްވެސް އަރާފާނެ.“ މީހަކު ކުރި މެސެޖަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އިންޑިއާގައި ވެރިކަން ކުރާ މީހަކާއެކު އެތައް ސަތޭކަ އަހަރެެއް ވަންދެން ރާއްޖެ ދެމިއޮތީ މިނިވަން ކަންމަތީގައި ކަމަށެވެ.

”އަޅުގަނޑު މި ގްރޫޕްގައި ލިޔަނީ ވަކި ސަބަބަކާއި ހެދި. މިހާރު ދާ ގޮތަށް ދާނަމަ ރާއްޖެ އާއި މި ގްރޫޕަށް ގެއްލިގެންދާނެ ވަރަށް ކަންތައް އެބަ ހުރި،“. ޓޫރިޒަމް އިންޑަސްޓްރީ މޯލްޑިވްސް ގްރޫޕްގައި ނަޝީދު ލިޔުއްވާފައި ވެއެވެ.

”މައާފަށް އެދޭ، އިންޑިއާ ފަސްޓް، ޗައިނާގެ ޖާސޫސީ އުޅަނދުތައް އައިސް ރާއްޖޭގެ ކަނޑައި ހަރަކާތްތެރިވިޔަ ނުދީ،“. ނަޝީދު ވިދާޅުވެފައި ވެއެވެ.

ނަޝީދު މިގޮތަށް ވިދާޅުވިއިރު، މެއި 10ގެ ކުރިން ހުރިހާ އިންޑިއާ ސިފައިން އަނބުރާ ގެންދަން އެ ޤައުމުން ވަނީ އެއްބަސްވެފައެވެ.