ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމާއި މަޖިލިހުގެ ނައިބު ރައީސް އަހްމަދު ސަލީމް ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް މިއަދު ފޮނުވައިފިއެވެ.

ދެ ބޭފުޅުންނަށް 15 ދުވަހުގެ ނޯޓިސް ފޮނުވާފައިވާއިރު މި މަހު 19 ވަނަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާއަށް މައްސަލަ އެޖެންޑާ ކުރެވޭނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

މަޖިލީހުގެ ރައީސްއާއި ނައިބު ރައީީސް ވަކި ކުރުމަށް ހުށަހެޅީ،  މި ސަރުކާރުގެ މިނިސްޓަރުންނަށް ރުހުން ނުދޭން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމުމާ ގުޅިގެން މަޖިލީހުގައި ހަމަނުޖެހުންތަކެއް ހިންގާފައިވަނިކޮށެވެ.

ޕީޕީއެމް/ޕީއެންސީން ވަކިވަކިން ހުށަހެޅި ދެ ޤަރާރުގައި ވެސް ބުނެފައިވަނީ ޤާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލިހުން މެމްބަރުން ޢަމަލު ކުރަން ވާނީ ޤައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް އިސްކަން ދީގެން ކަމަށެވެ.

އަދި އެއްވެސް މެމްބަރަކު އެމީހެއްގެ ނުވަތަ އެމީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި އިންތިޚާބުވި ދާއިރާތައް ތަމްސީލުކުރުމުގައި މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ރިއާޔަތް ކުރަންވާނެ ކަމަށާއި މަޖިލިހުގެ ރައީސް ކަމަށް އަސްލަމް އަދި ނައިބު ރައީސް ކަމަށް އަސްލަމް ނޮވެމްބަރު 14 ވަނަ ދުވަހު ވަޑައިގެންނެވީ ތަކުރާރުކޮށް ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއެރުވުމަށާއި ދުސްތޫރުން މަތިކޮށްފައިވާ ޒިންމާތަކުން ޚިލާފުވާ ގޮތަކަށް ކަމަށް އެ ޤަރާރުގައިވެއެވެ.