ގޯތިގެދޮރަށް ބޭނުންވާ ރައްޔިތުން، އެކަމަށް އެދެން އުފުލަން ޖެހޭ ތަކުލީފު ކުޑަކޮށްދިނުމުގެ ގޮތުން، ގޯތިގެދޮރަށް ބޭނުން ޖެހިފައިވާ ހުރިހާ ރައްޔިތުންގެ ރަޖިސްޓްރީއާއި ޙާލަތު އަބަދުވެސް އަދާހަމަވަމުންދާ ޚާއްޞަ ޕޯޓަލްއެއް ޤާއިމު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވަވައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުންގެންދަވާ ގިނަގުނަ، އަދި މުހިންމު މަސައްކަތްތަކަށް އަލިއަޅުވާލައްވައި، ސޯޝަލް ހައުސިން ޔުނިޓްތަކުގެ ކުއްޔާއި ޖޫރިމަނާ ވެސް މާފުކޮށްދެވުނުކަން ފާހަގަކުރައްވައިފައެވެ.
އެމަނިކުފާނު ވިދާޅުވީ ފަސް އިންސައްތައަށްވުރެ ދަށް އިންޓްރެސްޓް ރޭޓުގައި، ގެދޮރު އެޅުމަށާއި، ގެދޮރު މަރާމާތު ކުރުމަށް، ފްލެޓް ގަތުމަށް ފައިސާ ހަމަޖެހޭނެ ގޮތްތައް ވެސް ސަރުކާރުން ފަހިކޮށްދެއްވާނެ ކަމަށެވެ.
”އަދި ކޮންމެ ފަހަރަކު ގޯތި ހޯދަން ކުރިމަތިލާ ރައްޔިތުންނަށް ޖެހޭ ތަކްލީފު ކުޑަކޮށްދިނުމަށް ގޯތިގެދޮރަށް ބޭނުން ޖެހިފައިވާ ހުރިހާ ރައްޔިތުންގެ ރަޖިސްޓްރީއާއި ޙާލަތު އަބަދުވެސް އަދާހަމަވަމުންދާ ޚާއްޞަ ޕޯޓަލްއެއް މިހާރުދަނީ ޤާއިމު ކުރަމުން.“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ހުރިހާ ގޯތިތަކާއި، ފަޅުތެރެއިން ދޫކުރި ހުރިހާ ގޯތިތަކަށް ވަގުތީ ލިޔުން ހަދާ ނިމިފައިވާ ކަމަށެވެ. އަދި އެ ރަޖިސްޓްރީތަކާ ލިޔުންތަކާ ޙަވާލުވުމަށް މިހާރު ފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”އަޅުގަނޑު އުއްމީދުކުރަނީ ގޯތި ލިބިލެއްވި ހުރިހާ ފަރާތްތަކުން ވީހާވެސް އަވަހަކަށް މި ރަޖިސްޓްރީ، ނުވަތަ ލިޔުމާއި ޙަވާލުވެވަޑައިގަތުން.“ ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން، މި އަހަރު އެކުލަވައިލައްވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.
