ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަބަލުން ސާޖިދާ މުޙައްމަދު ލިސްޓެއް ގެންގުޅުއްވާ ކަމަށާއި، އެ ލިސްޓަށް ގޯތި ދޭ ކަމަށް ބުނެ ފަތުރާ ވާހަކަތައް ރައީސް ދޮގުކުރައްވައިފިއެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް “ރައީސްގެ ޖަވާބު” ނަމުގައި ރައީސް އޮފީހުން ފަށާފައިވާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތަކު ކުރި ސުވާލެއްގައި ބުނެފައިވަނީ ގޯއްޗާއި ފްލެޓު ދިނުމުގައި މެޑަމް ލިސްޓެއް ގެންގުޅުއްވާ ކަމަށް ޚަބަރު ފަތުރަމުންދާ ކަމަށެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުޢިއްޒު ވަނީ އެއީ ރައްޔިތުންގެ ހިތުގައި ޝައްކު އުފައްދަން ބަޔަކު ކުރާ މަސައްކަތުގެ ތެރެއިން އުފެދިފައި އޮތް ސުވާލެއް ކަމަށް ވިދާޅުވެފައެވެ.
އަދި އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ ވިޔަސް، ރައްޓެއްސެއް ވިޔަސް، ސަރުކާރުގެ މަގާމުގައި ހުންނެވި ބޭފުޅެއް ވިޔަސް ނުފޫޒު ފޯރުވައިގެން މި ސަރުކާރުގައި ރައްޔިތުންގެ އެއްވެސް ހައްގަކަށް އަރައިނުގަނެވޭނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
މީގެއިތުރުން ރައީސްވަނީ ރައްޔިތުންގެ އެއްވެސް ކަހަލަ ޙައްޤަކުން މަޙްރޫމް ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.
ފްލެޓު ނުވަތަ ގޯތި ލިސްޓް ކަމުގައި ވިޔަސް، އަދި އެހެން ޕްރޮގްރާމެއްގެ ތެރެއިން ހަމަޖެހޭ ކަމެއް ކަމުގައި ވިޔަސް، އެކަން ކުރިއަށް ދާނީ އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކީގައި ދެފުށް ފެންނަ ގޮތަށް ކަމަށް ވެސް ރައީީސް ވިދާޅުވިއެވެ.
“މިހާރު ނެރޭ ލިސްޓް ނޫނީ އެ ކަހަލަ ކަމަކާ ގުޅޭ ގޮތުން އެ ދައްކާ ވާހަކައަކީ އެއްގޮތަކަށް ވެސް ހަގީގަތެއް ހިމެނޭ ކަމެއް ނޫން. އެއީ ދޮގު ވާހަކަތަކެއް ފަތުރައިގެން ފިތުނަ އުފައްދަން ދައްކާ ވާހަކަތަކެއް،” ރައީސް ވިދާޅުވިއެވެ.
“ގެދޮރުވެރިޔާ” ސްކީމްގެ ދަށުން، ރައީީީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ދޫކުރި 4000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށާއި އެކަމާ މެދުގައި ޢަމަލު ކުރާނެ ގޮތެއް ނިންމާނީ ހައުސިން މިނިސްޓްރީން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ ވަނީ ބުނެފައެވެ.