ތ.ދިޔަމިގިލީގެ މަގު ހެދުން ފަދަ ކަންކަން އަވަށްކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު ދިޔަމިގިލި ކައުންސިލްގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުން ވަނީ ރަށަށް ބޭނުންވެފައިވާ ކަންތައްތަކާއި، ރަށުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ބައެއް ގޮންޖެހުންތަކާއި، ދިޔަމިގިލީގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ޙިއްޞާކުރައްވާފައެވެ.
އެގޮތުން މަޑިފުއްޓާ ދިޔަމިގިލި ކޯޒްވޭއަކުން ގުޅާލުމާއި، މެދަފުއްޓާ ދިޔަމިގިލި ގުޅާލުމާއި، މަގުތައް ހެދުމާއި، މަތިދޫ ދިޔަމިގިލީގެ އިޚްތިސާސްގެ ތެރެއަށްލުމަށް ބޭނުންވާކަމަށާއި، އެމް.އެން.ޑީ.އެފް. ގެ ޕޯސްޓެއް އެރަށުގައި ޤާއިމުކުރުމަށް ބޭނުންވާކަމަށާއި، ރަށުން އޭ.ޓީ.އެމް. ގެ ޚިދުމަތް ލިބެން ބޭނުންވާކަމަށާއި، ޞިއްޙީ މަރުކަޒަށް އެކްޓެންޝަން ބޭނުންވާކަމުގައި އެބޭފުޅުން ފާހަގަކުރެއްވިއެވެ.
އަދި ރަށުގައި ފަށާފައިހުރި މަޝްރޫޢުތައް ކުރިއަށް ނުދިއުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރެއްވިއެވެ.
މީގެ އިތުރުން ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުންވެސް ވަނީ އެބޭކަނބަލުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފައެވެ.
އެގޮތުން ބަޖެޓުގެ ދަތިކަމާއި، އެހެނިހެން ގޮންޖެހުންތައް ޙިއްޞާކުރެއްވިއެވެ.
ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއައްސަސާތަކާއި ގުޅިގެން ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
އަދި ރަށުގެ މަގުތައް ހެދުން ފަދަ ކަންކަން އަވަހަށް ކުރިއަށްގެންދިއުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
