ދިވެހީން އެދޭ، ދިވެހީންގެ ރާއްޖެއެއް ހޯދުމުގެ މަސައްކަތުގެ ތެރެއިން އަދި ނިމުނީ 50 އިންސައްތަ މަސައްކަތް ކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް، ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހުގައި ތ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ވޭމަންޑޫގައި ބޭއްވި ޖަލްސާގައި ޢަބްދުއްރަޙީމް ވިދާޅުވީ، ދިވެހީންގެރާއްޖެ ހޯދުމުގެ މަސައްކަތުގައި އަދި އިތުރު 50 އިންސައްތަ ކުރިއަށް އެބައޮތް ކަމަށެވެ.
”ކިތަންމެ ރީއްޗަށް ގެއެއް ރާނާ، ކުލަ ލާ، ތަށިމުށި ޖަހާ ހެދިޔަސް، ފަރުނީޗަރު ނެތިއްޔަކާ ހަމަޖެހިލައިގެން ނިދައެއް ނުލެވޭނެ، އަދި އޭސީ ހަރުކޮށްލީމަ، އެންމެ އަރާމު ވާނީ. އެހެންވީމަ އަޅުގަނޑުމެންނަށް މިއޮތީ ގެއެއް ރޭނިފަ، ސިމެންތި ޖަހާ، ތަށިމުށި ޖަހާ، ދޮރުފަތް ވެސް ހަރުކޮށް، ހުރިހާ ކަމެއް ނިމިއްޖެ، އެކަމަކު އަދިވެސް ހަމަޖެހިލައިގެން ގޭގައި މަޑުކޮށްލެވޭކަށް ނެތް.“ މާޗު މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި، ލ.ފޮނަދޫ ދާއިރާއަށް ވާދަ ކުރައްވާ ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވި ގޮތަށް، ދިވެހީން އެދޭ ރާއްޖެއެއް އަދި ބިނާ ކުރެވެން ނެތީ، އެކަމަށް ބޭނުންވާ އެންމެ މުހިންމު އެއް ބައި، އަދި ފުރިހަމަ ނުކުރެވޭތީއެވެ. އަދި އެއީ މަޖިލިސް އިންތިޚާބު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”ދިވެހީންގެރާއްޖެ މަޖިލީހަށް މި ކުރާ ދަތުރު، ކާމިޔާބު ދަތުރަކަށް ހެދުނީމަ، ރައީސް ޑރ.މުޢިއްޒު ދިވެހިރާއްޖެއާ ދޭތެރޭގަ ގެންގުޅުއްވާ ތަޞައްވުރު ފުރިހަމަ ކުރެވޭނީ.“
މި މަހުގެ 05 ވަނަ ދުވަހު، މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވައި، ރައީސް މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައި، އެ ބަޔާނުން ރާއްޖޭގެ ޙާލަތު، ރައީީސް ވަރަށް ރަނގަޅަށް ވިދާޅުވެދެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
