ބުރުނީގެ ރައްޔިތުންނަށް ދަތިވާ ކަންކަން ރައީސްއާ ހިއްސާ ކުރައްވައިފި

މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުން ވަނީ ރަށަށް ބޭނުންވެފައިވާ ކަންކަމާއި، ރަށުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ބައެއް ގޮންޖެހުންތަކާއި، ބުރުނީގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

އެގޮތުން ބަނދަރުގެ އަޕްގްރޭޑިންގ މަސައްކަތް ހުއްޓިފައި ހުރުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، ފެނުގެ ނިޒާމުގެ މަސައްކަތްވެސް ހުއްޓިފައި ހުރުމުން ދިމާވާ ގޮންޖެހުންތައް ޙިއްޞާކުރެއްވިއެވެ. އަދި ސްކޫލަށް ބޭނުންވާ ބައެއްކަންކަމާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތްތާނގައި ބުރުނީގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން ކައުންސިލުންވަނީ ހައުސިންގ ޔުނިޓް ޤާއިމުކުރުމަށާއި، ކުޑަކުދިންގެ ޕާކެއް ހެދުމަށް ބޭނުންވާކަމަށާއި، އޭ.ޓީ.އެމް ޚިދުމަތާއި، މަސްވެރިކަން ކުރުމަށް ސްޕޯޓް ފިޝިން ބޮޔެއް އަޅައިދިނުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ބުރުނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ފާހަގަކުރި ކަންކަމުގެ ތެރޭގައި، އަންހެނުންގެ ކޮމިޓީއަށްވެސް ރޯދަމަހުގެ އިނާޔަތާއި، މެޓަރނިޓީ ލީވް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްގެ ވާހަކަފުޅު ދައްކަވަމުން، ހުއްޓިފައިހުރި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

އަދި ސަރުކާރުގެ ކުންފުނިތަކަށް އާމްދަނީ ލިބޭނެ މަގުފަހިކޮށްދިނުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ވަނީ ފަޅު ރަށްތައް އިޙްތިޞާޞްތަކަށް ގެނައުމަށް މި ސަރުކާރުން ބާރުއަޅާނެކަމަށާއި، އަދި މިފަދަ ރަށްރަށުގައި ކުދި އަދި މެދު ފަންތީގެ މަޝްރޫޢުތައް ކައުންސިލްގެ ފަރާތުން ހިންގުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ރައްޔިތުންނަށް ހައުސިންގ ލޯނު ދިނުމުގައި މި ސަރުކާރުން ގެންގުޅުއްވާ ޕްލޭން ރައީސް މުޢިއްޒު ކައުންސިލާ ޙިއްޞާކުރެއްވިއެވެ.