ވޭތުވެދިޔަ ދިގު މާޒީގައި ތ. އަތޮޅު ރާޑަރުން ކައްސާލައި ފަހަތަށް ގޮސްފައި އޮތް އޮތުން ނިމުމަކަށް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މި ޔަޤީންކަން ދެއްވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ކަނޑޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވާހަކަފުޅުގައި ކޮޅުމަޑުލަކީ ތަރައްޤީގައި އެންމެ ކުރީ ސަފުގައި ފުރުޞަތުތައް ލިބޭ އަދި ތަރައްޤީވެފައިހުރި ރަށްތަކެއް ހިމެނޭ އަތޮޅަކަށް ބަދަލުކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހިރާއްޖޭގެ އިޤުތިޞާދީ ކަންކަން އޮތީ މުޅިން ހަލާކު ކޮށްލާފައިކަމުގައި ވިދާޅުވެ، އެކަންކަން ރަނގަޅުކުރުމަށް މިސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާކަމުގައި ވިދާޅުވިއެވެ.
އެގޮތުން ސަރުކާރުން އަޅަން ފަށާފައިވާ ފިޔަވަޅުތަކަކީ ރަނގަޅު ހަރުދަނާ ފިޔަވަޅުތަކެއްކަން އައި.އެމް.އެފް. އިން ރާއްޖޭގައި އަމިއްލައަށް ކުރި ދިރާސާއިން ފާހަގަވާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ކަނޑޫދޫގެ ޞިއްޙީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޚާއްސަކޮށް ތެލެސީމިއާއަށް ފަރުވާ ހޯދަންޖެހޭ ކުދިންނާއި ޢާއިލާތަކަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމުގައެވެ.
ތެލެސީމިއާއަށް ބޭނުންވާ ފަރުވާދިނުމުގެ ކަންކަން ފަހިކުރުމަށާއި އަދި ޖުމްލަކޮށް ކަނޑޫދޫގެ ހެލްތު ސެންޓަރުގެ މަޝްރޫޢަށް ޚާއްސަ އިސްކަމެއްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރަށުގެ ރައްޔިތުން އެދޭގޮތަށް ރަށުގެ ބަނދަރުގެ މަޝްރޫޢު ކުރިއަށް ގެންގޮސްދެއްވުމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު ރައްޔިތުންނާއި ކައުންސިލުތައް ބާރުވެރިކުރުމަށް އަދި އިޤްތިޞާދީ މަސައްކަތްތައް ކުރުމަށް ކައުންސިލްތަކަށް އިތުރު ރަށެއް ހޯދުމަށް ސަރުކާރުން ހުޅުވާލާ ފުރުޞަތުގެ ބޭނުން ހިފައި، ދަނޑުވެރިކަން ފަދަ މަސައްކަތްތައް ފުޅާކުރުމުގެ މަގުފަހިވެފައިވާކަން ރައީސް މުޢިޢްޒު ފާހަގަކުރެއްވިއެވެ.

މުއިއްޒުވެރިކަމުގާވެސް ފަހަތަށް ދަނީ ޢެންމެފުރަތަމަ ކަމަކަށް ގައުމިއްޔަތު ކިޔަވާދިނުން ނުފަށާ ތާއަތޮޅު. ދެކުނު ޔޮޓުދަތުރުވެސް ތާއަތޮޅު ޖައްސާގޮތަކަށްނޫން އޮތީ.