ތެލަސީމިއާއަށް ބޭނުންވާ ހުރިހާ ފަރުވާއެއް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް އެމަނިކުފާނު އިއްޔެ ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވަނީ، މި ކަމަށްޓަކައި އެމަނިކުފާނުގެ ސަރުކާރުގެ ކެބިނެޓުގައި ވެސް މުހިންމު ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.
ރައީސް ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ކަނޑޫދޫ އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެ ރަށަށް ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ވެސް ޞިއްޙީ ނިޒާމުގެ ކަންކަން ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަމަށެވެ.
އެގޮތުން ތެލަސީމިއާއަށް ބޭސްފަރުވާ ކުރަންޖެހޭ ކުދިންނާއި، އެހެން އެންމެންނަށް ދިމާވާ މައްސަލަތައް ފާހަގަކުރެއްވި ކަމަށާއި، އެކަމަށް ފަރުވާ ދިނުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއްކަމަށް ރައީީސް ވިދާޅުވިއެވެ.
ރިޔާސީ ކެމްޕެއިން ތެރޭގައި ވެވަޑައިގެންނެވި ވަޢުދުފުޅާއި އެއްގޮތަށް ސަރުކާރުން އެކަމަށް އިސްކަން ދެއްވާނެ ކަމަށާއި، ތެލަސީމިއާއަށް ފަރުވާ ހޯދަންޖެހޭ ކުދިންނަށާއި އާއިލާތަކަށް ރަށްރަށުގައިވެސް އެކަމަށް ބޭނުންވާ ފަރުވާ ހޯދޭނޭ ގޮތްތައް ދެވެން އޮތް އެންމެ ބޮޑަށް ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
