މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ކެންސަރު ސްކްރީނިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ހުޅުމާލެ ހޮސްޕިޓަލް އާއި އެމްޕީއެލްއާ ގުޅިގެންނެވެ.
އިއްޔެ ހުޅުމާލެ އިންޓަނޭޝަނަލް ޕޯޓުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ބައިނަލްއަގްވާމީ ކެންސަރު ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ އެމްޕީއެލްގެ މުވައްޒަފުންގެ މެދުގައި ކެންސަރު ބަލީގެ ހޭލުންތެރިކަން އިތުރުކުވުމާއި، އެ ބަލިން ރައްކާތެރިވުމާ ގުޅޭ މައުލޫމާތުތައް ދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ކެންސަރަކީ ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވަމުންދާ ބައްޔެކެވެ.
ރާއްޖޭގައި އަހަރެއްގެ ތެރޭގައި މަރުވާ މީހުންގެ ނިސްބަތުން 17 ޕަސެންޓަކީ ކެންސަރު ބަލީގައި މަރުވާ މީހުން ކަމަށް ދާދިފަހުން އެޗްޕީއޭއިން ވަނީ ބުނެފައެވެ.
