ތ.ގާދިއްފުށީގެ ބިން ހިއްކުމުގެ މަޝްރޫޢު މި އަހަރުގެ ތެރޭގައި ފައްޓަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގާދިއްފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެ ރަށަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ސްކޫލުގެ މަސައްކަތް ކަމަށާއި އެ މަޝްރޫޢު އަވަސްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، ގުރައިދޫ އެއާޕޯޓުގެ މަޝްރޫޢުއާއިއެކު މި ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުވެސް ފެށިގެންދާނެ ކަމަށާއި، މި އަހަރުގެ ތެރޭގައި ގުރައިދޫ އެއާޕޯޓު މަޝްރޫޢު ވެސް ފައްޓަވައިދެއްވާނެ ކަމަށެވެ.

އެ ޕްރޮޖެކްޓާއިއެކުގައި އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުވެސް އެއާ ގުޅުވައިގެން ކުރިއަށްގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެ ރަށަށް ބޭނުންވާ އެހެން ކަންކަންވެސް ވަކި ތަރުތީބެއްގެ ދަށުން ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ހުއްޓިފައި އޮތް ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ވާހަކަ ދައްކައިގެން އަވަސްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.