ރައީސުލްޖުމުހޫރިއްޔާ މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާޙުތަކަށް ޢަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ބުނާ ގޮތުން ރައީސް މަޤާމުން ވަކި ކުރުމަށް މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުން ސަބަބު ބަޔާން ކޮށް މަޖިލީހަށް މައްސަލަ ހުށަހަޅަންޖެހޭއިރު ޤާނޫނު އަސާސީ އާއި މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސް ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ.

އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.

ނަމަވެސް މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނައީ ރައީސާއި ނައިބު ރައީސް ވަކި ކުރުމަށްޓަކައި މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި ގޮނޑިތައް ނުގުނާ ގޮތަށެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްވީ ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުންނެވެ.

އެ އިޞްލާޙަށް ޢަމަލުކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރެދޭން އެދުމުން އެ އަމުރު ނެރުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އަޣުލަބިއްޔަތުންނެވެ.

ނަމަވެސް ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދާއި ފަނޑިޔާރާއި ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު ތަފާތެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ނެރުއްވި އަމުރުގައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ)، އަދި (ވ) އަށް ގެނެސްފައިވާ އިޞްލާޙުތަކަށް މިވަގުތަށް ޢަމަލުނުކުރުމަށެވެ.

އެ އަމުރުގައި ވަނީ މެމްބަރުންގެ އަދަދު ގުނާނެ ގޮތާ ބެހޭގޮތުން މަޖިލީހުގެ ޤަވާއިދަށް ގެނައި އިޞްލާޙު ޤާނޫނު އަސާސީއާ ޚިލާފު ކަމަށް ދައުލަތުން ތުހުމަތު ކުރާ ޙާލަތެއްގައި، އެ އިސްލާޙަށް ޢަމަލުކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ.