ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވިސްނުމަކީ ރަށްރަށުގައި ތިބެގެން ވެސް މަތީ ތަޢުލީމު ހާސިލު ކުރުމުގެ މަގު ތަނަވަސް ކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިހާރު ގްރޭޑް10އާއި ހަމައަށް ތަޢުލީމު ހާސިލު ކުރެވޭ ތ.ކިނބިދޫ ސްކޫލްގެ ދަރިވަރަކު ވަނީ އެ ރަށުގެ ކިޔަވާ ކުދިންނަށް، ރަށުގައި ތިބެގެން އޭލެވެލްއާއި ހަމައަށް ކިޔެވޭނެ ފުރުޞަތު ލިބިގެންދާނެތޯ ސުވާލު ކޮށްފައެވެ.

ކިނބިދޫގައި ހުންނަވައި، އެ ދަރިވަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރަށުގައި ތިބެގެން ގްރޭޑް12 އާއި ހަމައަށް ތަޢުލީމު ހޯދޭނެ ގޮތްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ކޮޅުމަޑުލު ވޭމަންޑޫއާއި ކިނބިދޫއާއި ކޯޒްވޭއަކުން ގުޅުވައިލުމުން، ކިނބިދޫގެ ދަރިވަރުންނަށް އެ ރަށުން މަތީ ތަޢުލީމު ޙާސިލު ކުރުމުގެ ފުރުޞަތު ތަނަވަސް ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ދެން މިހާރު، ވޭމަންޑޫއާ މިރަށާ ކޯޒްވޭއަކުން ގުޅާލެވުނީމަ، އެއްކަމަކަށް އޭރުން އެއްގަމުން ދެވޭގޮތް ވާނެ. އޭރުން އެއްފަސް ވީމަ ލިބޭނެ ފައިދާތައް ހުންނާނެ ތަޢުލީމު ޙާސިލު ކުރުމުގައި ވެސް. އެހެންވީމަ، އެއީ އަޅުގަނޑު ވިސްނާ އެއްގޮތް ތިކަން ޙައްލު ކުރަން.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިކަމުގައި އިތުރު ގޮތްތަކަށް ވެސް ވިސްނަވާނެ ކަމަށާއި، ބޭނުމަކީ ރަށުގައި ތިބެގެން ވެސް ދަރިވަރުންނަށް މަތީ ތަޢުުލީމު ހޯދޭނެ މަގު ފަހިވުން ކަމަށެވެ.

ކިނބިދޫގައި ޔުނިވަރސިޓީއެއް ޤާއިމު ކުރެވިދާނެތޯ އެ ދަރިވަރު ސުވާލު ކުރުމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ އެއްފަސް ކުރެވުމުން، ޔުނިވަރސިޓީގެ ކެމްޕަސް ޤާއިމުކޮށް އިތުރަށް ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު ވެސް ފަހިކޮށްދެވޭނެ ކަމަށެވެ. އަދި އިތުރު ތަރައްޤީގެ ކަންކަން ވެސް އާބާދީ އެއްފަސްވުމުން އަންނާނެ ކަމަށް ރައީީސް މުޢިއްޒު ވިދާޅުވިއެވެ.