ބޯހިޔާވަހިކަމުގެ ކެޓަގަރީގައި މަޖިލީހުގެ އިދާރީ މުވައްޒަފުން ހިމަނަން މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ 12 އަހަރަށްފަހު ރޭ ބޭއްވި މަޖިލީހުގެ ސްޓާފް ނައިޓުގައި ވާހަކަދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިދާރީ މުވައްޒަފުންނާ ބައްދަލުކުރެއްވިއިރު އެ މުވައްޒަފުން ކަންބޮޑުވާ ދެ ކަމެއް ފާހަގަކުރެއްވި ކަމަށެވެ.

އޭގެތެރެއިން އެއްކަމަކީ އެހެން އިދާރާތަކުން ބޯހިޔާވަހިކަމަށް ޚާއްޞަ ސަމާލުކަން ދޭ ފަދައިން ރައްޔިތުން މަޖިލީހުގެ އިދާރީ މުވައްޒަފުން މިއިން ކެޓެގަރީއަކަށް ލައްވާނުލުން ކަމަށެވެ.

އަދި ރައްޔިތުން މަޖިލީހުގެ އިދާރާއިން އެކަން އިންތިޒާމުކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ، އަސްލަމް ވަނީ ރައްޔިތުން މަޖިލީހުން އެކަން ކުރިއަށްގެންދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އަސްލަމް ވިދާޅުވީ އެހެންކަމުން އެ މަސައްކަތް މަޝްވަރާގެ މަތިން ކުރިއަށްގެންދަވާނެ ކަމަށެވެ.