ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ މައި ސިޔާސަތަކީ ސަރުކާރުގެ އިދާރާތަކާ މުއައްސަސާތަކުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، އެ ރައްޔިތުން އެދޭގޮތަށް ހިނިތުންވުމާ އޯގާތެރިކަމާއެކު ޚިދުމަތްދިނުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޤައުމީ ދިފާޢީ ބާރުން ވަނީ، ކަރަންޓު ކުންފުނި ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށް ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމެއް ފެށުމާއި ގުޅިގެންނެވެ. ގިރިފުށީގައި ފަށައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ދަށުން މިއަދުގެ ނިޔަލަށް ސްޓެލްކޯގެ 120 މުވައްޒަފުން ތަމްރީނު ފުރިހަމަކޮށްފައިވެއެވެ.
ފަހުމީ ވިދާޅުވީ އޭނާ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށް ފަހު، ރައީސް ޑރ.މުޢިއްޒުގެ ލަފާފުޅާ އިރުޝާދުފުޅުގެ ދަށުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއްކަމަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަަރު ރަނގަޅުކުރުމާއި މުވައްޒަފުންގެ ހުނަރާ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް ކަމަށެވެ.
”މިގޮތުން، ޤައުމީ ދިފާއީ ބާރާއި ސްޓެލްކޯ ގުޅިގެން ގިރިފުށީ ޓްރެއިންގ ސެންޓަރ ގައި ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގޭ ލީޑަރޝިޕް އެންހޭންސްމަންޓް ޓްރެއިނިންގ ޕްރޮގުރާމުގެ ސަބަބުން ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ކޮލިޓީ ރަނގަޅު ކުރެވި، ސްޓެލްކޯގެ ސަފުތައް ބަދަހިކުރެވި، މުވައްޒަފުންގެ މަސައްކަތުގެ އަޚުލާޤު ހަރުދަނާވެ، ރައީސް މުޢިއްޒު އެދިވަޑައިގަންނަވާ ފެންވަރާ މިންވަރުގައި ޚިދުމަތް ދިނުމުގެ ރޫހު އާލާވެގެންދާނެ ކަމާމެދު ޝައްކެތްނެތެވެ.“ އޭނާ ވިދާޅުވިއެވެ.
ފަހުމީ ވަނީ މި ޕްރޮގްރާމް ހިންގެވުމުގައި ދިވެހި އަސްކަރިއްޔާއަށް ދެއްވާ އެއްބާރުލުމާ އެހީތެރިކަމަށް ފަށްފަށުން ޝުކުރު އަދާކުރައްވައިފައެވެ.
“މީހުން މީހުނަށްވަނީ މީހުން މީހުންނަށް ހެދީމަ”
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ މައިސިޔާސަތަކީ ސަރުކާރުގެ އިދާރާތަކާ މުއައްސަސާތަކުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، އެ ރައްޔިތުން އެދޭގޮތަށް ހިނިތުންވުމާ އޯގާތެރިކަމާއެކު ޚިދުމަތްދިނުމެވެ. ސްޓެލްކޯގެ މެނޭޖިންގ… pic.twitter.com/ZclJJCaZGZ
— Hussain Fahmy (@u09HussainFahmy) February 10, 2024
ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވީ، މީހުން މީހުންނަށް ވާނީ، މީހުންނަށް ހެދުމުން ކަމަށެވެ.
މި ތަމްރީން ޕްރޮގްރާމު ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 08 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
