އައު ސަރުކާރާއިއެކު، ހަލުވި ކުރެވިގެން ދިޔަ ދުވެއްޔާއިއެކުގައި ތިލަމާލެ ބްރިޖު މަޝްރޫޢުގެ 33 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންނާއި އިންޖިނިއަރިން ޓީމު ވަނީ ތިލަމާލެ ބްރިޖު މަޝްރޫޢުގެ އެންމެ ފަހުގެ މަސައްކަތްތަކުގެ ތެރެއިން ވިލިމާލެ އާއި ގުޅީފަޅާ ދެމެދު ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވައިފައެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އިބްރާހީމް ތޯއާމް ވިދާޅުވީ ތިލަމާލެ  ބްރިޖް  މަޝްރޫޢުގެ  ޕައިލިން  މަސައްކަތުގެ %54.4  އަދި މުޅި މަޝްރޫޢުގެ %33.4 މަސައްކަތް  ވަނީ  ނިމިފައި ކަަމަށެވެ.

އޭނާ ވިދާޅުވީ، މި  މަޝްރޫޢުގެ މަސައްކަތް މިހާރު ހުރީ ތާވަލާއި  އަޅާ  ބަލާއިރު %1.2 ކުރީގައި ކަމަށެވެ. ތޯއާމް އިތުރަށް ވިދާޅުވި ގޮތުގައި މިނިސްޓްރީން މަސައްކަތް ކުރަނީ  މި ބިޔަ މަޝްރޫޢު  ކުރިއަށްދާއިރު ދިމާވެދާނެ ގޮންޖެހުންތައް ދިރާސާކޮށް، މަސައްކަތް  މަޑުޖެހުމެއްނެތި  ކުރިއަށް  ގެންދިއުމަށް  އަޅަންޖެހޭ ފިޔަވަޅުތައް  ދުރާލާ އަޅަމުން ކަމަށެވެ.

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު ނުވަތަ ތިލަމާލެ ބްރިޖު އަޅާ އިންޑިއާގެ އެފްކޮންސް ކުންފުންޏަށް އަދިވެސް ’ލާނިން ކާވް‘ ނުވަތަ ދަސް ކުރުމުގެ މަރުހަލާ އިން ނުނުކުމެވޭ ކަމަށާއި، މަސައްކަތް އަވަސް ނުކޮށްފި ނަމަ، ފަހުން ދީފައިވާ ތާވަލަށް ވެސް އެ މަޝްރޫއު ނުނިންމޭނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ބްރިޖު އެއްބަސްވުމުގައި، ކުރިން އެއްބަސްވެފައި އޮތީ 17 މެއި 2024އަށް މާލެއިން ތިލަފުއްޓާ ހަމައަށް ގުޅުވާލުމަށެވެ.

ނަމަވެސް، ކުރީ ސަރުކާރުގެ ފަހު ދުވަހު، 30 ސެޕްޓެމްބަރު 2026އަށް މަސައްކަތް ނިންމާ ގޮތަށް މުއްދަތު ވަނީ އިތުރުކޮށްދީފައެވެ.