ސަރުކާރުން ގެދޮރުވެރިންގެ ސްކީމްގެ ދަށުން އިއުލާން ކުރި 4000 ފްލެޓް މައްސަލަ ބެލުމަށް ފަހުގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފްލެޓަށް ޝަރުޠު ހަމަވެ އެއްވެސް މައްސަލައެއް ދިމާނުވާ ފޯމުތަކުގެ ލިސްޓެއް ހައުސިން މިނިސްޓްރީއާ ހިއްސާކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ލިސްޓް އޭސީސީން ހަވާލުކޮށްފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުގައި ކަމަށެވެ. އޭސީސީން ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ ފޯމްތަކަކީ ހަމައެކަނި ތަޙުޤީޤުގެ ބޭނުމަށް ހޯދާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

އެހެންވެ، އެ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

އެމްޑީޕީގެ ނިމުނު ސަރުކާރުން ފްލެޓު ދިނުން އޭސީސީން ހުއްޓުވާފައި ވަނީ، ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމާ އެކު އާންމުންގެ ގިނަ ބައެއްގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ހިއްސާ ކުރުމުންނެވެ.

”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ދޫކުރުމަށް ކަނޑައަޅާފައިވާ ފްލެޓްތަކުގެ ލިސްޓް އެކުލަވާލާފައިވާ ގޮތާ ގުޅިގެން އޭސީސީން ހިންގި ތަޙުޤީޤު ފުރަތަމަ މަރުހަލާ ނިންމައި އެކޮމިޝަނުގެ ހޯދުންތައް މިނިސްޓްރީއާ ހިއްސާކޮށްފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ.

ތަހުގީގަށް ފަހު، އޭސީސީން ބުނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޭ ފުރަތަމަ 4،000 ފްލެޓް ލިބޭ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 2،400 ފްލެޓެވެ. އެއްވެސް މައްސަލައެއް ނޫޅެނީ 20.7 ޕަސެންޓް ފޯމުގައެވެ.