މި އަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާ މި ހަފްތާގެ ބުދަ ދުވަހުގެ ރޭ އޮންނާނެ ކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.

Ads by Asuru

ޝަހީދުންގެ ދުވަހާއި ގުޅިގެން ރާވާފައިވާ ހަރަކާތްތަކާ ގުޅޭ މަޢުލޫމާތު ދެއްވަމުން، އެ މިނިސްޓްރީން ބުނީ، އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ހަފްތާގެ ބުދަ ދުވަހުގެ ރޭ، ސޯޝަލް ސެންޓަރުގައި ކަމަށެވެ.

އެ މިނިސްޓްރީން ވަނީ ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް މައިގަނޑު ހަތަރު ހަރަކާތެއް ރާވާފައެވެ. ހުރިހާ ހަރަކާތެއް ވެސް ރާވާފައިވަނީ ކުޑަކުދިންނާއި، ޒުވާނުންނާއި އިސްވާރުން ޝާމިލުވާނެ ގޮތަށެވެ. އެގޮތުން ކުޑަކުދިންނާއި، އިސްވާރުންނަށް ޚާއްޞަކޮށް ކުޑަކުދިންގެ ހަވީރެއް ބާއްވަން ވަނީ ނިންމާފައެވެ. މި ހަރަކާތްތައް މި.ކޮޅުފުއްޓާއި، ރ.ކިނޮޅަހުގައި މިއަދު ހަވީރު ކުރިއަށް ގެންދާނެ ކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ބުނެއެވެ.

އަދި ޒުވާނުންނަށް ޚާއްޞަކޮށްގެން، އޮފީސްތަކުގެ ދުވަހާ ގުޅޭ ސުވާލު މުބާރާތެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާއިރު، މި ހަރަކާތްތައް ކުރިއަށް ގެންދާނީ މާލެއާއި ރަށްރަށުގައި އުޅޭ މީހުން ހިމެނޭ ގޮތަށް ކައުންސިލުތަކުގެ އެއްބާރުލުމާއި އެކީގައި ކަމަށް ވެސް މިނިސްޓްރީއިން މަޢުލޫމާތު ދެއެވެ.