ސަރުކާރުން އެކުލަވައިލަން ނިންމާފައިވާ ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

ޓެކްސީ ޑްރައިވަރުންގެ ދަފުތަރެއް އެކުލަވައިލަން ނިންމައި އެ މަސައްކަތް ކުރިއަށްގެންދަން ނިންމީ މިދިޔަ އަހަރު އެންމެ ފަހުން ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް މަޝްވަރާކުރެއްވުމަށްފަހު ވަޒީރުންގެ ލަފާފުޅާއެކުއެވެ.

އެ މިނިސްޓްރީން އިއްޔެ ބުނީ ހަފްތާ 14 ގެ މަގުޗާޓާއި އެއްގޮތައް ރާއްޖޭގައި ޓެކްސީ ދުއްވާ ފަރާތްތަކުގެ ޤައުމީ ދަފްތަރެއް އެކުލަވައިލުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުހެ ވަޢުދުފުޅެއް ކަމަށާއި މި ވަޢުދުފުޅާއި އެއްގޮތަށް ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފްތަރެއް އެކުލަވައިލައި މި ދަފްތަރުގައި ޓެކްސީ ޑްރައިވަރުން ރަޖިސްޓަރީވުމަށް މިހާރު އާންމުކޮށް ހުޅުވާލެވިފައިވާ ކަމަށެެވެ.

މި ދަފްތަރުގައި ރަޖިސްޓަރީވުމަށް ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީގެ ސިމްސް ޕޯޓަލް އިން މިކަމަށް ހާއްސަކުރެވިފައިވާ ފޯމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެދިފައެވެ.

މިފަދަ ދަފުތަރެއްް އެކުލަވައިލުމުގެ އެންމެ ބޮޑު މަގުސަދަކީ ޓެކްސީ ޑްރައިވަރުންނަކީ ވެސް ރަސްމީ ސިފައެއްގައި އާމްދަނީ ހޯދަން މަސައްކަތްކުރާ ބައެއްގެ ގޮތުގައި ހެދުމެވެ.