މި އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން މަދުވެގެން 65 ގޮނޑި ނަގާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އޭނާ މިގޮތަށް ވިދާޅުވީ، ދަރުބާރުގޭގައި ޤާއިމު ކޮށްފައިވާ އިންތިޚާބާ ބެހޭ މަރުކަޒަށް ކެންޑިޑޭޓުންގެ ފޯމްތައ ހުށަހެޅުއްވުމަށް ފަހުގައެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ވީހާވެސް ގިނަ ގޮނޑިތައް ނެގުން ކަމަށާއި ނިމެމުންދާ މަޖިލީހުގައި އެމްޑީޕީން މަޖިލީހުގެ ގޮނޑިތައް ނެގި ވަރަށް ގޮނޑިތައް ނަގާނެ ކަމުގައެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ އައު ސަރުކާރާ މެދު ރައްޔިތުން ދެކެމުން އައި އުއްމީދާ އިތުބާރު 2 މަސް ތެރޭގައި ވަނީ ގެއްލިފައި ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ވެރިކަމަށް އަންނަން ދެއްކި ވާހަކަތައް އެއީ ދޮގު ވާހަކަތަކެެއްކަން މިއަދު ރައްޔިތުންނަށް އެނގި ހާމަވަމުންދާ ކަމަށެވެ.

މަޖިލިސް އިންތިޚާބު ކާމިޔާބުކޮށް ރައްޔިތުންގެ ޙައްޤުތައް ދިފާޢު ކުރުމުގައި އެމްޑީޕީން މަސައްކަތްކުރާނެ ކަމަށާއި، ރާއްޖެ ހަލާކުގެ މަގަށް ދާން ދޫކޮށްލައިގެން މަޑުން ނުތިބޭނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.