ދިވެހިރާއްޖޭގެ ތަރައްޤީގެ ކަންކަމުގައި ހުއްޓުމެއް ނެތި، އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އަބޫދާބީ ފަންޑުން ދީފިއެވެ.
މި ޔަޤީންކަން، އެ ފަންޑުން ދިވެހި ސަރުކާރަށް ދިނީ، އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ސައިފް އަލް ސުވައިދީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
މިއީ ދުބާއީގައި ކުރިޔަށްދާ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024ގައި ހަވާސާގައި ކުރެއްވި ޒިޔާރަތެކެވެ.
މި އިޙްތިރާމުގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައި ދެބޭފުޅުން ވަނީ ދިވެހިރާއްޖެއާ އެކުވެރި ޢަރަބި އިމާރާތާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމުގެ މައްޗަށާއި އަބޫދާބީ ފަންޑު ފޮރ ޑިވެލޮޕްމަންޓުން ރާއްޖޭގެ ތަރައްޤީއަށް ދޭ އެހީތެރިކަމުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި އަބޫދާބީ ފަންޑުން ރާއްޖެއަށް ހުއްޓުމެއްނެތި ފޯރުކޮށްދެއްވަމުން ގެންދަވާ މާލީ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.
އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީގެ ކަންކަމުގައި ހުއްޓުމެއްނެތި އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައި، ރާއްޖެއާ ގުޅިގެން ކުރެވޭ މަސައްކަތްތަކާމެދު އުފާކުރައްވާކަމުގައި ވިދާޅުވިއެވެ.
ރައީސް މުޢިއްޒުއާއި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ވަނީ އެ ފަންޑުގެ އެއްބާރުލުމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށްދާގޮތާ ގުޅޭގޮތުންނާއި ދެފަރާތުން ގުޅިގެން އިތުރަށް މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާ ގުޅޭގޮތުންނާއި ދަނޑުވެރިކަމުގެ ދާއިރާއާ ޞިއްޙީ ދާއިރާ އަދި އިޤުތިޞާދާ ތަރައްޤީގެ ދާއިރާގައި އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.