ރައީސުލްޖުމްހުރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރެވޭގޮތަށް މަޖިލީހުގެ ޤަވާއިދު އިޞްލާޙު ކުރުމަށް ހުށަހަޅައިފިއެވެ.

އެގޮތަށް ހުށަހެޅުއްވީ، ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.

ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނު އުވާލުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ސުވާލުކުރުމުގެ ކަންކަން ހިމަނާފައި އޮންނަނީ މަޖިލިސް ހިންގާ ޤވާއިދުގައި ކަމަށާއި އެކަމަށް ވަކި ޤާނޫނެއް ނޯންނަ ކަމަށެވެ.

އަދި ޤަަނޫނުއަސާސީގައި ބަޔާންކުރަނީ، ވެރިކަންހިންގުމުގެ ބާރުގެ ފަރާތުން ކުރާކަންކަން ރައްޔިތުންގެ މަޖިލީހުން ބަލާ ޖަވާބުދާރީ ކުރުވުން ކަމަށާއި މިހާރު އުވާލަން ހުށަހަޅާފައިވާ ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނުގައި ބަޔާންކުރަނީ ހަމައެކަނި ވަޒީރުންގެ ވާހަކަ ކަމަށާއި އެހެންކަމުން ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ ހަމައެކަނި ވަޒީރުންގެ މައްޗަށް ނޫން ކަމަށާއި، ވަޒީރުންގެ މަޖިލީހުގެ އެންމެ އިސް ދެ ބޭފުޅުންނަކީ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ސަލީމް ވިދާޅުވީ ރައީސް ނުވަަތަ ނައިބުރައީސް ޖަވާބުދާރީވާންޖެހޭނެ ވަރަށް ހާއްސަ ހާލަތުތައް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެކަމާ ގުޅޭ އިޖުރާޢަތުތައް މަޖިލީހުގައި ކަނޑައެޅިފައި ނެތުމުން މަސްއޫލިއްޔަތު އަދާކުރެވޭނެ ގޮތެއް ނެތްކަމަށެވެ.

އެހެންކަމުން އެ އިޖުރާޢަތުތައް މަޖިލީހުގެ ޤަވައިދުގައި ހިމަނަންޖެހޭ ކަމަށާއި އަދި އެއީ ލާޒިމު ކަމެއް ކަމަށް ދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ.